ދިވެހި މުޖުތަމަޢަށް ނުރައްކާތެރި ވަބާއެއްގެ ގޮތުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މިވަނީ ވަރަށް ބޮޑަށް އިސްކަންދީ، ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މިގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ހަފްތާގެ ތެރޭގައި އިއުލާނު ކުރައްވާފަ އެވެ. އަދި މިކަމަށްޓަކައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު އިތުރަށް ދިރާސާކުރުމަށް ކަމާގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނާ މެދު ބައެއް އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ރާއްޖޭގައި ކަނޑައަޅުއްވަން ބޭނުންފުޅުވާ ކަމަށެވެ. މިއީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ޤާނޫނު އިސްލާހު ކުރަން ނިންމައި އެ އަދަބު ދޭން ވިސްނަމުންދާކަން މިދިޔަ އަހަރު ސަރުކާރުން އިއުލާންކުރިއެވެ. އެކަމަކު އެ ބިލު މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު މަރުގެ އަދަބު ދިނުމުގެ ބައި ހިމަނައިފައެއް ނެތެވެ.
މިހާރު ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާއި (25 އަހަރު) އެކު 100،000 ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް، ހުކުމް ކުރަނީ މިވަގުތު މަރުގެ މައްސަލަތަކުގައެވެ. މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކޮށްފައިވާ ބައެއް މީހުން މިހާރުވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ. އަދި ގިނަ ބައެއްގެ މައްސަލަ ތިން މަރުހަލާ ފުރިހަމަކުރުމަށް، ނުވަތަ ނިހާއީ ކުރުމަށް މަތީ ކޯޓުތަކުގައި މައްސަލަތައް ދަނީ ކުރިޔަށެވެ. ރާއްޖޭގައި 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒުކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ގެންނަން ވިސްނާ އިސްލާހުތަކުގެ ތެރޭގައި ޑްރަގް ކޯޓަށް އިތުރު ބާރުތައް ދިނުމާއި، ރިހެބިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިސްލާޙުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމަނާފައިވެއެވެ. އެގޮތުން މަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީވެސް ޓްރެފިކްކުރުން ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
އެ ބިލުގައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ހިންގުމުގެ ކުށުގެ ނަމުގައި މާއްދާއަކާއި ފައިނޭންސްކުރުމަކީ ވެސް ވަކި ކުށެއް ކަމަށް އިތުރުކޮށް ބޮޑެތި އަދަބުތަކެއް ހިމަނާފައެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 2024 ވަނަ އަހަރު ފެށުމާއެކު މަސްތުވާތަކެތީގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އިސްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމެވެ.
މި މަސައްކަތުގެ ތެރެއިން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ގުޅުން ހަރުދަނާކޮށް، އޮޕަރޭޝަނަލް އެފިޝެންސީ އިތުރުކުރުމަށްޓަކައި ”ޓާސްކް ފޯސް އޮން އިރެޑިކޭޓިންގ ޑްރަގްސް“ ގެ ނަމުގައި ޚާއްޞަ ޓާސްކް ފޯހެއް އުފައްދައި، އޭގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ 700 އަށްވުރެ ގިނަ މީހުންނަށް އަމާޒުކޮށް ޚާއްޞަ އޮޕަރޭޝަނެއް ފަށައި، މިހާތަނަށް 60 އިންސައްތަ މީހުންނަށް ފަރުވާ ފެށި، އެ ޚިދުމަތް ފޯރުކޮށްދެވިފައިވެއެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާއި، ގޭންގު ކުށްތަކާއި ދެކޮޅަށް ގިނަ ފިޔަވަޅުތައް އެޅުމަށް މި ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް ކަރުދާހެއްގައި އަދަބުތައް ލިޔެލުމަކުން އަދި ތަންފިޒެއް ނުކުރެވޭނެ އެވެ. ރާއްޖޭގައި ޅަ އުމުރުގައި މަސްތުވާތަކެތީގެ މާހައުލަށް އެތައް ބަޔަކު ވަދެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ”ބޮޑެތި ޑްރަގް ލޯޑުން“ ގެ ގޮތުގައި ފާހަގަކުރެވޭ މީހުން އެއްވެސް ވަޒީފާއެއް އަދާނުކޮށް ދަނީ ބޮޑެތި މުއްސަނދި ދިރިއުޅުމެއް އުޅެމުންނެވެ. އެ މީހުންގެ ބޮޑެތި ރެސްޓޯރެންޓް ކެފޭތަކާއި، ގެސްޓްހައުސްތަކުން ފެށިގެން މަސް ދޯނިތަކާއި ސަފާރީތައް އެބަހުއްޓެވެ. ދުއްވަނީ އަގުބޮޑެތި ކާރުތަކެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް މީހަކަށް އަދަބެއް ދެވިފައެއް ނެތެވެ. ވިޔަފާރި ކުރަމުން ދަނީ ލިބޭ ފައިސާ ދޮވެ ”ވައިޓް ވޮޝް“ ކުރުމަށެވެ.
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރަމުންދާ މީހުންނަށް، މަނީ ލޯންޑްރިންގެ ދައުވާތައް ވެސް އުފުލާފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެފަދަ މައްސަލަތަކުގައި އާންމުކޮށް ފެންނަނީ އެކަށީގެންވާ ހެއްކެއް ނެތި ކުށުން މިނިވަންވެގެން ދާތަނެވެ.
ރާއްޖޭގެ ކޯޓު މަރުހަލާގައި މިފަހުން އާދަވީ، އަނެއްކަމަކީ މަސްތުވާތަކެތި ބޭނުން ކުރާ އެކި މީހުން ހައްޔަރު ކުރުމުން އެތަކެއްޗާއި އެތަނުން އެކަކު ހަވާލުވުމުމެވެ. ޝަރީއަތުގެ މަރުހަލާގައި އެ މީހުން ދޫވެގެން ދެއެވެ. ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، ޝަރީއަތުގައި ހެކި ހޯދި ގޮތާއި މެދު ސުވާލު އުފައްދާފައި އެބަހުއްޓެވެ. އެހެންކަމުން ގާނޫނަށް ގެންނަ އިސްލާހުތަކާއި، އެކު ވަށައިގެން ހިނގާ އެހެނިހެން ކަންކަމަށް ބެލުން ވެސް މުހިންމެވެ.

