ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓުވުމުން ޒިންމާ ނަގަން ޖެހޭ އިސްލާހުން، ގާނޫނީ ގޮތުން މިހާރު ހުރި ދަތިތައް ނައްތާލެވޭނެ: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، މީހުންގެ ފުރާނައަށް ބެލުމެއް ނެތި، ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް އެމްޑީޕީ ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ކޯޓުތަކުގައި މައްސަލަތައް ސާބިތު ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ބިލަށް ސަރުކާރުގެ މެމްބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ. މި ބިލު ހުށަހަޅާފައި ވަނީ މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ.

މީކާއިލް ހުށަހަޅުއްވާފައިވާ މި އިސްލާހަށް ތާއީދު ކުރައްވައި ރިފާއު ވިދާޅުވީ ފަރުވާކުޑަކޮށް އުޅަނދުތައް ދުއްވުމުގެ ސަބަބުން އޭގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހެނީ ކަމާއި ނުވެސް ގުޅޭ މީހުން ކަމަށެވެ. އެގޮތުން މަގުމަތީ ހިނގާފައި އުޅޭ މީހުންނާއި، ގަވައިދުން ސައިކަލު ނުވަތަ ކާރު ދުއްވާ މީހާގެ ގައިގައި ބާރު ސްޕީޑުގައި ދާ ވެހިކަލަކުން ޖެހި ފުރާނައަށް ނުރައްކާވެފައިވާކަން ރިފާއު ފާހަގަކުރެއްވި އެވެ. އަދި ބައެއް ފަރާތްތައް މިފަދަ އެކްސިޑެންޓުތަކުގައި ނިޔާވެފައިވާއިރު އެތައް ބަޔަކު މުޅި އުމުރަށް އޭގެ ބުރަ އުފުލަން ޖެހިފައިވާކަމަށް ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން އެކްސިޑެންޓުތަކުގެ މައްސަލަ ކޯޓުތަކުގައި ކުރިޔަށް ގެންދިއުމުގައި ދަތިތައް އެބަހުރިކަމަށެވެ. އަދި މީހަކު ނިޔާވެ ދިއުމުގައި ވެހިކަލް ބާރަށް ދުއްވި މީހާގެ އިހުމާލުވާކަމަށް ސާބިތު ކުރުމަށް ވެސް ގާނޫނީ ހުރަސްތައް އެބަހުރިކަމަށް ވިދާޅުވި އެވެ.

އެހެންކަމުން މި އިސްލާހު ގާނޫނަކަށް ވެގެން ދިއުމުން، އެ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ރިފާއު ވިދާޅުވި އެވެ.

އެހެންވީމަ ގާނޫނުލްއުޤޫބާތަށް ގެނެވޭ މި އިސްލާހުން އަޅުގަނޑު ގަބޫލު ކުރަނީ މިފަދަ ކަންކަމުން ދުރުހެލިވުމަށް ވެހިކަލްތައް ދުއްވާ ފަރާތްތައް ވިސްނަން ޖެހޭނެކަމާއި މެދު ޝައްކެއް ނެތް.. މި ކަންކަމަށް ވިސްނުމަށް ބާރު އެޅިގެންދާނެ..

ރިފާއު ވިދާޅުވީ އެއްވެސް ކުށެއް ނެތި، އަނިޔާ ލިބުނު މީހާއަށް އިންސާފު ލިބެން ޖެހޭކަމަށެވެ. އަދި ފަހަކަށް އައިސް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން، އެތައް ބަޔަކަށް އޭގެ ދެރައާއި ކުރިމަތިލާން ޖެހިފައިވާކަމަށް ވިދާޅުވި އެވެ.

މީކާއިލް ހުށަހެޅި އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ (ށ) އި ބަޔާންކުރާ ”ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން“ މާއްދާއަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

އިތުރު ކުރަން ހުށަހަޅާފައިވާ 7 ވަނަ ނަމްބަރުގައި ވަނީ، ”ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުން“ އެއީ ކުށެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: