ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވަކިކޮށްފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި އިންނެވި ޕީއެންސީގެ މެންބަރު އިބްރާހިމް ދީދީގެ ބަދަލުގައި، އެ ކޮމެޓީއަށް ޝުޖާއު ހަމަޖައްސަވާފައިވާކަން އަބްދުއްރަހީމް އިއުލާނުކުރެއްވިއެވެ.
މާލިއްޔަތު ކޮމިޓީއިން ޝުޖާއު ވަކިކުރީ ކީއްވެގެންކަމެއް ސާފެއް ނޫނެވެ. އެހެން ނަމަވެސް ޝުޖާއުގެ މައްޗަށް މިފަހުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ތުހުމަތުތައް ކޮށްފައިވެއެވެ. އެގޮތުން ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
މި މައްސަލައާ ގުޅިގެން ޝުޖާއު ވަނީ، އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް، އަދި ދުވަހަކުވެސް އެއްވެސް އިދާރާއަކުން އެއްވެސްކަމެއް ސާފުކޮށް، އެއްވެސް މައްސަލައެއް ބަލާފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދި ބަލަންޖެހޭ މައްސަލައެއް ނޯންނާނެކަމަށް ވިދާޅުވެފައިވެއެވެ.
އެފަދަ ހަގީގަތެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން ސިޔާސީ މަސައްކަތް ހުއްޓޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

