ލާމަރުކަޒީ ގާނޫނަށް ހުށަހަޅައިފައިވާ އިސްލާހުގައި ތާއިދުކުރެވޭ އަދި ތާއިދުނުކުރެވޭ ކަންކަން އެބަހުރި ރައްޔިތުންގެ މަޖިލީހުގެ ކަންޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ހުށަހަޅުއްވާފައިވާ މި ބިލު ހުށަހަޅައި ބަހުސް ކުރިޔަށް ގެންދިޔައީ މިއަދުގެ ޖަލްސާގަ އެވެ. އަދި ބަހުސް ނިންމާލައި، ބިލު ބަލައިގަތުމާއި މެދު ވޯޓަށް އެހުމުން ސަރުކާރުގެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވީ ބިލު ބަލައިގަތުމަށް ފެންނަ ކަމަށެވެ.
އެގޮތުން ބިލާއި އެއްކޮޅަށް 48 މެމްބަރަކު ވޯޓު ދެއްވިއިރު، މި އިސްލާހު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.
މި ބިލަށް ބަހުސް ކުރައްވަމުން އަމީން ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެންނަން ހުށަހަޅައިފައިވާ ބިލަށް ތާއިދުކުރެވޭކަމަށް ނެތްކަމަށެވެ.
ލާމަރުކަޒީ ނިޒާމާއި މެދު ސަރުކާރުގެ އަސްލު މަންޒަރަކީ ކޮބައިކަން އަމީން ވަނީ ސުވާލުކުރައްވައިފައެވެ. އަދި، އެ ސުވާލު އުފެދޭ ސަބަބެއްކަމަށް އަމީން ވިދާޅުވީ މަޖިލީހުގެ 20 ވަނަ ދައުރު ފެށުމަށް ފަހު މިދިޔަ އަހަރެއްގެ ތެރޭގައި ގާނޫނަށް ކައިރިކައިރީގައި އެތައް އިސްލާހެއް ހުށަހަޅާފައި ވާތީ އެވެ.
އަޅުގަނޑު އެދެން.. ސަރުކާރުން ސާފުކޮށް… ބުނެދޭން… ކައުންސިލުތަކުގެ ދައުރަކީ ކޮބައިކަން… ތިބޭފުޅުންގެ ކައުންސިލުތަކުގެ ސައިޒަކީ ކޮބައިކަން… ކައުންސިލުތައް ތިބެންވީ.. ކިހާ ހިސާބަކުކަން.. ކައުންސިލުތައް ކުރަންވީ ކޮންކަމެއްކަން.. ނުކުރަންވީ ކޮންކަމެއްކަން… އަޅުގަނޑުވެސް ތާއިދުކުރަން… އިނގުރައިދޫ ދާއިރާގެ އިޒަތްތެރި މެމްބަރު ދެންމެ އެ ހުށަހެޅުއްވި، ހުށަހެޅުން.. މީ… އެއް އަހަރު ދުވަހުގެ… މި އަންނަ… ޕެރަލައިޒްވުން.. އަންނަންވީ ހަގީގަތުގަވެސް.. ވެރިކަންކުރުމުގެ ބާރަށް… ކައުންސިލުތަކަކަށް ނޫން…
އަމީން ވިދާޅުވީ، ކައުންސިލުތަކުން އަދާކުރާ މަސްއޫލިއްޔަތާއި، ކައުންސިލުތަކުގެ ކުޑަ ބޮޑުމިނާއި، ކަައުންސިލުތަކުން ކުރަންޖެހޭ އަދި ނުކޮށް ދޫކޮށްލަންޖެހޭ ކަންކަމަކީ ކޮބައިކަން ސަރުކާރުން ހާމަކޮށްދޭންޖެހޭކަމަށެވެ.
އަމީން ވަނީ މި ރިޔާސީ ދައުރުގެ ހަމަވާން ގާތްވެފައި ވަނިކޮށް ވެސް މަޝްރޫއުތަކާއި، ޕްރޮޖެކްޓުތައް އިއުލާނު ނުކުރެވޭ ގޮތް ހަދަން ޖެހޭކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު ވިދާޅުވުމުން އެކަމަށް ތާއީދު ކުރައްވާފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުގެ ވޯޓު ހޯދުމުގެ ބޭނުމުގައި އެތައް ޕްރޮޖެކްޓެއް އިއުލާނުކޮށް، ބިންތައް ދޫކުރުމުގެ ސަބަބުން ދައުލަތަށް ބިލިއަނުން ގެއްލުންވެފައިވާކަމަށް މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި، ރައީސް ސޯލިހުގެ ސަރުކާރުގައި ރައްޔިތުންނަށް ބެހި ބިންތައް ބެހި ގޮތަކީ، ގޯސްގޮތެއްގައި ބެހި ބިންތަކެއްކަމަށް ދެކޭ ނަމަ، އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ސަރުކާރަށް ދީފައިވާނެކަމަށެވެ. އަދި، ކުރީގެ ސަރުކާރުން، އެ ބިންތައް ބަހައިފައިވާ ގޮތުގައި ގޯހެއް ހުރި ނަމަ، އެކަން ބަލަންޖެހޭނެކަމަށާއި، ބިން ބެހުމުގައި ގޯހެއް ހުރިނަމަ، އެ ބިން އަތުލުމަކީ ރައްޔިތުންގެ އެދުންކަމަށްވެސް ފައިސަލު ވިދާޅުވިއެވެ.
އިޒަތްތެރި ރައީސް… އެއް އަހަރު ދުވަސް ވަންދެން… ކައުންސިލެއްގެ މުވައްޒަފުން ނެގުމާއި.. ބިން ދޫކުރުމާއި.. މިކަންކަން.. ހުއްޓުވާލުމަކީ.. ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރެވޭކަމެއްނޫން… އެހެންނޫން.. އިޒަތްތެރި ރައީސް… އަޅުގަނޑަށް ގަބޫލުކުރެވޭ ކަންކަން އެބަހުރި… ކައުންސިލެއް ވިޔަސް.. ޔޫޓިލިޓީގެ ބިލުތަކަށް ފައިސާ ނުދައްކަންޏާ، އެ ފައިސާއެއް ދައުލަތުން ދިނުމުގަ.. ގޮތްތަކެއް ގެންގުޅެންޖެހޭނެ.. އެއީ.. އާންމު ގޭބީސީއަކުން… ކަރަންޓު ބިލު ނުދައްކައިފިއްޔާ… ކަރަންޓު ކަނޑާލެވޭ…
އަމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ކައުންސިލުތައް ބާރުވެރިވުމުގެ ބަދަލުގައި އެ ކައުންސިލުތަކަށް ލިބެންޖެހޭ ބާރު ހަނިވެ، ސަރުކާރުގެ މުށު ތެރެއަށް އިތުރު ބާރުތައް ނެގިގެން ދިޔަކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމުގެ ބިލަށް ހުށަހަޅައިފައިވާ އިސްލާހުގައިވާގޮތުގައި، ކައުންސިލު ތަކުގެ އުމުރު ހަމަވުމަށް ބާކީ އެއް އަހަރުދުވަސް އޮތް ނަމަ، ކައުންސިލު އިދާރާއަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިން ދޫކުރުމާއި ދެކޮޅުކަމަށެވެ. އެހެންނަމަވެސް، އެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފައިވާ ބައެއް ބަދަލުތަކަށް ތާއިދުކުރައްވާކަމަށްވެސް އަމީން ވިދާޅުވިއެވެ.

