ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރެވިފައިވާ މުހިންމު އިދާރީ އޮނިގަނޑެކެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ހާއްސަކޮށް މި ނިޒާމަކީ ތިމަންނާމެންގެ ބަނޑުން ވިހޭ ދަރިއެކޭ ބުނެ ވަކާލާތު ކުރާ ޕާޓީގެ ވެރިކަންތަކުގައި މި ނިޒާމު ތަންފީޒުކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ.
2008-2012 ރައީސް ނަޝީދުގެގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު:
2008 ގައި އައު ގާނޫނުއަސާސީގެ ދަށުން ގާއިމް ކުރި އެމްޑީޕީގެ ސަރުކާރުން، ރާއްޖެ 7 ޕްރޮވިންސަކަށް ބަހާލައި، ކޮންމެ ޕްރޮވިންސެއް ހިންގުމަށް ސްޓޭޓް މިނިސްިނިސްޓަރުން އައްޔަންކުރެވުނެވެ. މި އޮނިގަނޑުގެ ދަށުން ރަށްތަކުގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު ވަރަށް ބޮޑަށް މަރުކަޒީވެގެން ދިޔަކަން ފާހަގަކުރެވެއެވެ. އަދި ކައުންސިލްތަކުން ނިންމާ ގިނަ ނިންމުންތަކަށް ސްޓޭޓް މިނިސްޓަރުންގެ ހުއްދަ ހޯދަންޖެހުނެވެ.
މީގެ އިތުރުން، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރަށު ކޮމިޓީތަކުން އެއްކޮށްފައިވާ ގާތްގަނޑަކަށް 185 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޝްވަރާއަކާ ނުލައި މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވުނެވެ. މިކަމުގެ ސަބަބުން ރަށްތަކުގެ ތަރައްގީއަށް ކުރިން ހުޅުވާފައި ހުރި އެކައުންޓްތަކުގެ ހާލަތަށް ނޭދެވޭ އަސަރުކުރިއެވެ.
2018-2023 ރައީސް ސާލިޙްގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު:
މި ދައުރުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ދިރިއުޅޭ މާލެ ސިޓީ އާއި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ދިނުމުގެ އިޚްތިޞާޞް ސިޓީ ކައުންސިލަށް ފުރިހަމައަށް ލިބިދެވިފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި މާލެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން ދަނިކޮށް، އެ މަސައްކަތް މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނެވެ. ލާމަރުކަޒީ ގާނޫނުގައި ދީފައިވާ ބާރުތައް އޮތީ ގާނޫނުގައެވެ.
ކައުންސިލްތަކުގެ ބާރުތައް އިތުރަށް ހަރުދަނާކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. ކައުންސިލްތަކުން އާމްދަނީ ހޯދުމަށް ކުންފުނި އުފެއްދުމަށް ގާނޫނުގައި ހުއްދަ އޮތް ނަމަވެސް، ގިނަ ރަށްތަކަށް މިކަމުގެ ހުއްދަ ލިބުމުގައި ލަސްތަކެއް ދިމާވިއެވެ. އަދި ރަށްރަށާއި ސިޓީތަކުގެ ލޭންޑްޔޫސް ޕްލޭން، ރައްޔިތުންގެ ލަފާގެ މަތިން ކައުންސިލްތަކުން ހެދުމުންވެސް، އެ ޕްލޭންތަކަށް ހުއްދަ ދިނުމުގައި ލަސްތަކެއް ދިމާވިއެވެ. ބައެއް ސިޓީތައް އެކި ބަހަނާތައް ދައްކައިގެން ހުއްދަ އޮތީ ހިފަހައްޓާފައެވެ.
ކައުންސިލަރުންނާއި މުވައްޒަފުންގެ ޙައްޤުތަކާ ގުޅޭގޮތުން: ސަރުކާރާ ސިޔާސީ ފިކުރު ތަފާތު 25 އަށްވުރެ ގިނަ ކައުންސިލަރުންގެ މައްސަލަތައް ތަޙްޤީޤުކުރެވި، ސަސްޕެންޑް ކުރެވުނެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އިތުރުކުރުމުގެ މަސައްކަތް ލަސްވެފައިވާކަން ފާހަގަކުރެވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިތުރު ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ބައެއް ކޮމެޓީތައް ހިންގާނެ އޮފީހެއް ވެސް ދީފައެއް ނުވެއެވެ.
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ މުހިންމު އިދާރީ އޮނިގަނޑެކެވެ. ފާއިތުވި އަހަރުތަކުގައި މި ނިޒާމު ތަންފީޒުކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުން ފާހަގަކުރެވެނީ، މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމެވެ.
ލާމަރުކަޒީ ނިޒާމުގެ އަސްލު މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކައުންސިލްތަކުގެ ބާރުތައް އިތުރުކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރަންޖެހެއެވެ. އަދި ކައުންސިލްތަކަށް އިތުރު ވަސީލަތްތައް ފޯރުކޮށްދީ، ކައުންސިލަރުންނާއި މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްކަންދޭންޖެހެއެވެ. މިގޮތުން، ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް އަމާޒުކޮށްގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދުގެ ސަރުކާރުން ނިންމަމުންދާ ބައެއް ނިންމުންތަކާ ގާނޫނަށް ގެންނަމުންދާ ބައެއް ބަދަލުތަކުން މުސްތަގުބަލުގައި ލާމަރުކަޒީ އޮނިގަނޑު ހަރުދަނާ ވެގެންދާނެ ކަމަށް ފެނެއެވެ.
މާޒީގައި ކަންކަން ކޮންމެ ގޮތަކަށް ހިނގާފައިވީނަމަވެސް ލާމަރުކަޒީ ނިޒާމު ދިވެހިރާއްޖޭގައި ޤާއިމުކުރެވުނު ފަހުން، ލޯކަލް ކައުންސިލްތައް ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ނަމަވެސް، މި ނިޒާމު ތަންފީޛުކުރުމުގައި ބައެއް ގޮންޖެހުންތަކާއި ދަތިތައް ދިމާވެފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް، ކައުންސިލްތަކުގެ މާލީ އަދި އިދާރީ ހިންގުމާ ގުޅޭގޮތުން ސުވާލުތަކެއް އުފެދިފައިވެއެވެ. މި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް އިޞްލާޙުތަކެއް ހުށަހެޅިފައިވެއެވެ. މި އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ލާމަރުކަޒީ ނިޒާމު ހިންގުމުގެ މަރުކަޒީ އުޞޫލުތައް ހަރުދަނާކުރުމެވެ.
ލޯކަލް ކައުންސިލް ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ މިހާރުގެ ޙާލަތު
މިހާރުގެ ޙާލަތަށް ބަލާއިރު، ބައެއް ކައުންސިލްތަކުން މުވައްޒަފުން އައްޔަންކުރުމާއި، ޚިދުމަތް ފޯރުކޮށްދިނުމާއި، އިންތިޚާބީ މަޤްޞަދުތަކަށްޓަކައި މާލީ އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރަމުންދާކަމުގެ ކަންބޮޑުވުންތައް ފާޅުކުރެވިފައިވެއެވެ. ޚާއްޞަކޮށް، ކައުންސިލްގެ ދައުރު ނިމުމާ ކައިރިވެފައިވާ މި ދަނޑިވަޅުގައި، އެކަށީގެންވާ ރޭވުމެއްނެތި މާލީ އަދި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ފެށުމާއި، ޕްލޭންކޮށްފައިނުވާ ތަންތަން ކުއްޔަށް ދޫކުރުންފަދަ ކަންކަން ހިންގަމުންދާކަމަށް ބެލެވެއެވެ. މީގެއިތުރުން، ސަރުކާރަށް ނޭދެވޭ އަސަރުކުރާ ގޮތަށް އަދި މާލީ އުޞޫލުތަކާ ޚިލާފަށް ބައެއް ކައުންސިލްތަކުން ޚަރަދުކުރަމުންދާކަމުގެ ޝަކުވާތައް އިތުރުވެފައިވެއެވެ. އެހެންނަމަވެސް، ލޯކަލް އޮތޯރިޓީގެ ދަށުން ހިންގާ ބައެއް ކުންފުނިތަކުން ރައްޔިތުންނަށް މަންފާކުރަނިވި މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރަން ޖެހެއެވެ.
ހުށަހެޅިފައިވާ އިޞްލާޙުތަކުގެ މައިގަނޑު ނުކުތާތައް
މިހާރުގެ މި ޙާލަތު އިޞްލާޙުކުރުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް ހުށަހެޅިފައިވެއެވެއެވެ. މި އިޞްލާޙުތަކުގެ ތެރޭގައި މައިގަނޑު ކަންތައްތަކެއް ހިމެނެއެވެ:
- މުވައްޒަފުން ޢައްޔަންކުރުމާއި ކޮންޓްރެކްޓް ވަޒީފާ: ކައުންސިލްގެ ދައުރުގެ އެންމެ ފަހު އަހަރުގައި މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް ވަޒީފާގައި މީހުން ނުނެގޭނެ ކަމަށް ހުށަހަޅާފައިވެއެވެ. މިކަން ކުރެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- ތަންތަން ކުއްޔަށް ދޫކުރުން: ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަން ކުއްޔަށް ދޫކުރުމުގައިވެސް ހަމައެކަނި އެލް.ޖީ.އޭ އިން ކަނޑައަޅާ އުޞޫލުތަކުގެ ދަށުން ޢަމަލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
- ތަރައްޤީގެ މަޝްރޫޢުތައް ފެށުން: ޕްލޭންކޮށްފައިނުވާ ތަރައްޤީގެ މަޝްރޫޢުތައް ފެށުމަށް ހުރަސްއެޅުމަށްޓަކައި، މިފަދަ މަޝްރޫޢުތައްވެސް ހަމައެކަނި އެލް.ޖީ.އޭ އިން ކަނޑައަޅާ އުޞޫލުތަކުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ހުށަހަޅާފައިވެއެވެ.
ޤާނޫނުގެ 70 ވަނަ މާއްދާ އިޞްލާޙުކުރުން
ޤާނޫނުގެ 70 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހަޅާފައިވާ ބަދަލަކީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ އިޞްލާޙެކެވެ. މި އިޞްލާޙުގެ މަޤްޞަދަކީ ރަށުގައި އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ވިޔަފާރިތަކާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ސީދާ ވާދަކުރުން ހުއްޓުވުމެވެ. އެހެންކަމުން، ލޯކަލް އޮތޯރިޓީ ކުންފުނި ނުވަތަ ވިޔަފާރިއަކުން އަމިއްލަ ފަރާތްތަކުން ކުރާ އިޤްތިޞާދީ މަސައްކަތްތަކާ ވާދަކޮށްގެން ނުވާނެ ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. މީގެ މަޤްޞަދަކީ އަމިއްލަ ވިޔަފާރިތަކަށް ފުރުޞަތު ދިނުމާއެކު، ކައުންސިލްތަކުން ވިޔަފާރިކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިސްކަންދިނުމެވެ.
ޤާނޫނުގެ 100 ވަނަ މާއްދާ އިޞްލާޙުކުރުން
ޤާނޫނުގެ 100 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙުތަކުން ކައުންސިލްތަކުގެ މާލީ ކަންކަން ހިންގުމުގައި އިތުރު ޒިންމާދާރުކަމެއް ޤާއިމުކުރެވޭނެއެވެ. މި މާއްދާގައިވާ ގޮތުން:
- ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ހިންގަންޖެހޭނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށެވެ. މީގެ ސަބަބުން ކައުންސިލްތަކުގެ މާލީ ބެލެހެއްޓުމުގައި މަރުކަޒީ ސަރުކާރުގެ ބައިވެރިވުން އިތުރުވެ، ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެއެވެ.
- މިނިސްޓްރީ އޮފް ފިނޭންސްއިން އެދިއްޖެނަމަ، ކައުންސިލްތަކުން އެމީހުންގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނެއެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ޙަރަކާތްތަކުގައި ޝަފާފިއްޔަތުކަމާއި ޖަވާބުދާރީވުން އިތުރުވެގެންދާނެއެވެ.
ލޯކަލް ކައުންސިލް ޤާނޫނަށް ހުށަހެޅިފައިވާ މި އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ލާމަރުކަޒީ ނިޒާމު ހިންގުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމެވެ. ޚާއްޞަކޮށް މާލީ އަދި އިދާރީ ގޮތުން ކައުންސިލްތައް ޒިންމާދާރުކުރުވުމާއި، އެލް.ޖީ.އޭ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބެލެހެއްޓުން އިތުރުކުރުމުން، ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
މި އިޞްލާޙުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ އަދި އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިތުރު ޖަވާބުދާރީވުމެއް އަންނާނެއެވެ. މީގެއިތުރުން، އަމިއްލަ ވިޔަފާރިތަކަށް ފުރުޞަތު ދިނުމާއެކު، ކައުންސިލްތަކުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިސްކަންދެވޭނެއެވެ.
މި ބަދަލުތަކަކީ ލާމަރުކަޒީ ނިޒާމުގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި މުހިންމު ބިންގަލެކެވެ. ނަމަވެސް، މި އިޞްލާޙުތައް ތަންފީޛުކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، އެކަށީގެންވާ މޮނިޓަރިންގ އަދި އިވެލުއޭޝަން ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ކަމެކެވެ. އަދި ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީވެސް މުހިންމު ކަމެކެވެ.
މި އިޞްލާޙުތަކަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އިޞްލާޙުތައް ކާމިޔާބުކަމާއެކު ތަންފީޛުކުރެވި، އޭގެ ނަތީޖާ ރައްޔިތުންނަށް ލިބިގެންދިއުމަކީ އެންމެންގެވެސް އެދުމެވެ.

