ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދަނީ ދިރާސާތަކެއް ނުކޮށްކަމަށާއި އެކަމުގެ މަގުސަދަކީ ގަސްތުގައި ކައުންސިލުތައް މާލީގޮތުން ބަލިކަށިކޮށްލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެނައުމަށްޓަކައި މަސައްކަތްކުރަމުންދިއުމާއި ގުޅިގެން އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ކުރީގެ މެމްބަރު ނިޔާޒްވަނީ ސަރުކާރުން އިންތިހާބު ކާމިޔާބުކުރުމުގެ ގޮތުން ނަހަމަ އަމަލުތަކެއް ހިންގުމަށް ވިސްނަމުންދާކަމުގެ ތުހުމަތުކުރައްވާފައެވެ. ނިޔާޒް ވިދާޅުވީ، ހަގީގަތަށް ބަލާއިރު އިސްލާހުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތިކަން ފެނިގެންދާކަމަށެވެ. އަދި ކައުންސިލުތަކުން ވިޔަފާރިކުރަމުންދާކަމަށް ބުނެ ގެނައުމަށް މަސައްކަތްކުރާ އިސްލާހަކީ ބެލުމެއް ނެތި ގަސްތުގައި ކައުންސިލުތައް މާލީގޮތުން ބަލިކަށި ކޮށްލުމަށްޓަކައި ކުރަމުންދާ މަސައްކަަތްތަކެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.
ނިޔާޒް ވިދާޅުވީ، އިންތިހާބެއް ބާއްވަން އަހަރެއްގެ ދުވަސް ބާކީ އޮތްނަމަ އެއްވެސް ތަރައްގީގެ މަސައްކަތްތަކެއް ނުކުރުމަށް އިސްލާހުގައި އޮތްއިރު އެކަމުން ގާނޫނުގެ އެހެނިިހެން މާއްދާތަކާ ފުށުއަރާކަަމަށެވެ. މިގޮތުން އެ ގާނޫނުގައި އެންމެ އިސްކަމެއް ދެވިފައި އޮތް އެއް ކަމަކީ ރައްޔިތުންގެ މަޝްވަރާގެ މަތިން އެކުލަވާލާ ތަރައްގީގެ ޕްލޭންކަމަށްވާއިރު ލޭންޑް ޔޫޒް ޕްލޭނެއް ފާސްކުރުންވެސް އޮންކަމަށެވެ. އެއީވެސް އަމިއްލައަށް ކުރާ މަސައްކަތްތަކެއް ނޫންކަމަށާއި އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަނީ ރައްޔިތުންނާއި މަޝްވަރާކޮށްގެންކަމަށެވެ.
އެ ޕްލޭނަށް ރިއާޔަތްކޮށްގެން ރަށުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލަނީ ފަސް އަހަރުގެ މުއްދަތަކެއްގެ މައްޗަށް ބަހާލައިގެންކަމަށާއި ހަތަރު އަހަރު ދުވަހަށް ނޫންކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިސްލާހު ގެންނަ ނަމަ ކައުންސިލުތަކުން 4 އަހަރަށް ބަހާލައިގެން ޕްލޭން އެކުލަވާލާ ގޮތަށް އިސްލާހެއް ހިމެނުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ބާކީ އޮތް އެއް އަހަރު ދުވަހަކީ ސަރުކާރުން ބޭނުން ޕްލޭނެއް ނުވަތަ ޕްރޮޖެކްޓެއް ހިންގުމަށް ނޫނީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ވަޒީފާތައް އުފެއްދުން ނުވަތަ ޕްރޮޖެކްޓުތައް ހިތް އެދޭ ބަޔަކަށްދޭ ގޮތަށް ޖާގަ ލިބިގެންދާ ގޮތަށް އިސްލާހު ގެނައުމުން ހަގީގަތުގައި ސަރުކާރުން ބޭނުންވާ މަގުސަދު ފުދިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

