ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ކުރިއެރުން އިތުރުވަމުން އަންނަކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، ދުވަސްތައް ފާއިތުވަމުންދާއިރު، ސަރުކާރުން ކަނޑައަޅައިފައިވާ އަމާޒަށް މަޑުމަޑުން ވާސިލުވަމުންދާތަން ފެނިގެން އެބަދެއެވެ.
ފަތުރުވެރިންގެ އަދަދުގެ ކުރިއެރުން
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1,322,030 އަށް ވަނީ އަރައިފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު، 9.3 އިންސައްތައިގެ ކުރިއެރުމެކެވެ.
އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކުގެ ތެރޭގައި، ޗައިނާ އޮތީ އެއްވަނައިގައެވެ. އެގޮތުން، ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު، 2025 އޮގަސްޓު 4 ވަނަ ދުވަހުގެ ނިޔަލަށް، 195,366 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ، ރާއްޖެއަށް ޒިޔާރަތްކުރާ މާކެޓް ތަކުގެ ޖުމްލަ މާކެޓް ޝެއާގެ 14.8 އިންސައްތައެވެ. މިދިޔަ އަހަރު އަދި މި އަހަރުގައިވެސް، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަކީ، ރަޝިއާގެ މާކެޓެެވެ. އެގޮތުން، ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ، 156,260 އެވެ. އަދި ތިންވަނައިގައި އޮތީ، އިންގުލެންޑުއެވެ. އިންގުލެންޑުއިން 122,913 ރާއްޖެއަށް އައިސްފައިވެއެވެ.
ފަތުރުވެރިން ހިޔާރުކުރާ އެކޮމޮޑޭޝަންތައް
ފަތުރުވެރިން ހިޔާރުކުރާ ފެސިލިޓީތަކުގެ ޖުމްލަ މާކެޓް ޝެއާ އިންސައްތައިގެ 73.1 އިންސައްތައާއިއެކު، ފަތުރުވެރިން އެންމެ ގިނައިން ހިޔާރުކުރަނީ ރިސޯޓުތަކެވެ. އެގޮތުން، 2025 އޮގަސްޓު 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ ތެރެއިން، 966,909 ފަތުރުވެރިން ވަނީ ރިސޯޓު ހިޔާރުކޮށްފައެވެ. ދެވަނައަށް ފަތުރުވެރިން އެންމެ ގިނައިން ހިޔާރުކޮށްފައިވަނީ، ގެސްޓު ހައުސްތަކެވެ. އެގޮތުން، 291,305 ފަތުރުވެރިން ވަނީ ގެސްޓު ހައުސްތައް ހިޔާރުކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ހިޔާރުކުރި އެކޮމޮޑޭޝަންއަކީ، ހޮޓަލްތަކެވެ. އަދި، ސަފާރީއާއި އަދި އެހެނިހެން އެކޮމޮޑޭޝަން ފެސިލިޓީތައް ހިޔާރުކޮށްފައިވާ ފަތުރުވެރިންގެ އަދަދު، 28,592 އަށް އަރައިފައިވެއެވެ.
ޕްރޮމޯޝަނަލް އަދި ތަރައްގީކުރުމަށް ކުރެވޭމަސައްކަތްތައް
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި އެމްއެމްޕީއާރްސީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ޗައިނާގެ މީޑިއާ ޓީމެއް ރާއްޖެއަށް ގެނެސް ޕްރޮމޯޝަނަލް މަސައްކަތްތަކެއް ކުރުމާއި، ލިވަޕޫލް އެފްސީއާ ގުޅިގެން ހިންގާ ޕްރޮމޯޝަނަލް ހަރަކާތްތައް ހިމެނެއެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ދެކޮޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ކުރިއެރުމަކީ އުއްމީދީ ކުރިއެރުމެކެވެ. ޚާއްޞަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްފަހު، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި މިހާރު ކުރެވެމުންދާ ޕްރޮމޯޝަނަލް މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މީގެ ފައިދާ އިތުރަށް ފެންނާނެކަމަށް އުއްމީދުކުރެވެއެވެ.
މީގެއިތުރުން، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމްކޮށް، އެ ފަންޑާ ބެހޭ ގަވާއިދު ގެޒެޓްކޮށްފައެވެ. މި ފަންޑު ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. އެގޮތުން، މި ފަންޑުގެ ދަށުން، ފަތުރުވެރިކަމުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތައުލީމު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މުސްތަޤުބަލުގެ އަމާޒު
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ. އަދި މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކުން ފެންނަމުންދާ ކުރިއެރުމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކަށް ބަލާއިރު، މި އަމާޒާއި ހަމަޔަށް ވާސިލުވުމަކީ ދުރުގައިވާކަމެއްނޫންކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރު ލިބެމުންދާ ކުރިއެރުމަކީ ރާއްޖޭގެ ރައްޔިތުންނަށާއި، ޖުމްލަކޮށް، މުޅި ގައުމަށް ލިބޭނެ ފައިދާއެކެވެ. އެގޮތުން، ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ކަމުގައިވާތީ، މި ސިނާއަތް އިތުރަށް ފުޅާވެ، އިތުރު ކުރިއެރުންތައް ލިބިގެންދިޔުމަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެދޭނެކަމެކެވެ.

