ޕްރައިވެޓް ކުންފުންޏަކުން ތަކެތި ގަތުމަށްފަހު ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މައްޗަށް 1.2 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ވެމްކޯގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސޯލްޓްސް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މިއީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ވެރިކަމުގައި ވެމްކޯއިން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅޭ ދައުވާއެކެވެ.
އެ ކުންފުނިން ކުރި ދައުވާގައި ބުނެފައިވަނީ، ކުންފުނިން ވިއްކާފައިވާ ތަކެއްޗަށް ވެމްކޯއިން ދައްކަންޖެހި ނުދެއްކިވާ 1،280،920 (އެއް މިލިއަން ދެލައްކަ އައްޑިހަ ހާސް ނުވަސަތޭކަ ވިހި ރުފިޔާ) އާއި ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ހިނގި 50،000 ރުފިޔާއާއެކު ޖުމުލަ 1،330،920 ރުފިޔާ ވެމްކޯގެ ކިބައިން ހޯދުމަށެވެ.
އޭގެ ތެރެއިން ފަހުން ދެފަރާތުން މައުލޫމާތު ސާފު ކުރުމަށްފަހު ވެމްކޯއިން އެއްބަސްވެފައިވަނީ އެ ކުންފުނިން ދައްކަންޖެހޭ ފައިސާއަކީ 1،165،491 ( އެއްމިލިއަން އެއްލައްކަ ފަސްދޮޅަސް ފަސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ) ކަމަށެވެ. އެގޮތުން ވެމްކޯއިން ވަނީ ދައުވާކުރާ ފަރާތުން އެދުނު ފައިސާގެ ތެރެއިން ވަކި ވަރެއް މީގެ ކުރިން ދައްކާފައިވާނެކަމަށް ބުނެފައެވެ.
އެހެންކަމުން ކޯޓުން ވަނީ ވެމްކޯއިން ހުށަހަޅާފައިވާ އިންވޮއިސްތަކާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ސާފުކޮށްފައެވެ. އެގޮތުން ކޯޓުންވެސް ނިންމީ ދައުވާލިބޭ ފަރާތުން ހޯދަން އެދުނު 1.3 މިލިއަން ރުފިޔާގެ ތެރެއިން 115،000 ރުފިޔާ ވެމްކޯއިން އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ.
މީގެ އިތުރުން، ވަކީލު ފީގެ ގޮތުގައި 50،000 ރުފިޔާ ނަގައިދޭން އެދިފައިވާއިރު، މި މައްސަލައަކީ ވެމްކޯއިން މައިގަނޑު ގޮތެއްގައި އެއްބަސްވި މައްސަލައަކަށްވުމާއެކު، އަދި ބޮޑެތި ޤާނޫނީ ނުކުތާތަކެއް ނެތް މައްސަލައަކަށް ވުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ރިއާޔަތްކޮށް އެ މިންވަރަށް ޝަރީއަތުގެ ޚަރަދު ނަގައިދޭން ނުޖެހޭނެކަމަށް ޤަބޫލު ކުރެވޭކަމަށް ވެމްކޯއިން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް މި މައްސަލައިގައި ފައިސާ ހޯދަން ކޯޓަށް ހުށަހަޅަންޖެހުނީ ވެމްކޯއިންވެސް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެންކަމަށްވާތީ ކުންފުންޏަށްވެސް ޝަރީއަތުގެ ޚަރަދު ހައްޤު ނުވާންވީ ސަބަބެއް ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ ސޯލްޓްސް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށް ވެމްކޯއިން ދައްކަންޖެހޭ 1.2 މިލިއަން ރުފިޔާ ދައްކައި ޚަލާސް ކުރުމަށެވެ. އަދި އެ ފައިސާ 10 އޯގަސްޓު 2025ން ފެށިގެން 15 ދުވަސް ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ޙުކުމުގައި އަންގަވާފައިވެއެވެ.
ސިވިލް ކޯޓުގައި މި ގަޒިއްޔާ ބެއްލެވީ ގާޒީ ސިނާން އަލީއެވެ.

