ފެނާއި ނަރުދަމާގެ ގާނޫނަށް ގެނައުމަށް ކަނޑައެޅިފައިވަނީ މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހުތަކެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ވޯޓާރ ޑިޕާޓުމެންޓުގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ވިދާޅުވީ، ހުށައަޅާފައިވަނީ މިވަގުތަށް ކޮންމެހެންވެސް ބޭނުންވާ އިސްލާހުތަކެއްގެ ގޮތުގައި މިނިސްޓްރީން ދެކޭކަމަށެވެ. އަދި މިއީ ގުޅުންހުރި އިދާރާތަކާއި މަޝަވަރާ ކުރުމަށްފަހު ފަރުމާކުރެވި ހުށައެޅިފައިވާ އިސްލާހެއްކަމަށާއި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ އިހު އޮތް ގާނޫނުގައި އޮތް ފަސް އަހަރުގެ މުއްދަތު އިތުރުކުރުންކަމަށެވެ.
ފާރިޝް ވިދާޅުވީ، ދިމާވި އެކި އެކި ގޮންޖެހުންތަކުގެ ސަބަބުން ގާނޫނުގައި ކުރިން ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓުތައް ނިންމާލެވިފައިނުވާކަމަށެވެ. އެހެންކަމުން އިތުރު ދެ އަހަރުގެ މުއްދަތެއް ހިމެނުމަށް ކަނޑައަޅާފައިވަނީ އެ ވަގުތު ބޭނުންވާނެތީކަމަށާއި ޓުއަރިޒަމް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީންވެސް މިކަމަށް އެއްބަސްވާކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެކްސެކިއުޓިވް ޔަޒީދް އަހުމަދު ވިދާޅުވީ، މި އިސްލާހު ހުށައެޅިފައިވަނީ އެކި މުއައްސަސާތަކާއި މަޝްވަރާކުރެވިގެންކަމަށާއި ޔޫއާރްއޭގެ ހިޔާލުތައްވެސް ހިމެނިފައިވާނެކަމަށެވެ. އަދި މިހާރު އޮތް ގާނުނުގައި ގިނަ ކަންތައްތަކެއް މަނާކުރެވިފައި އޮތްއިރު އެކަމާއިމެދު އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައިނުވާކަން ފެނިގެންދާކަމަށް އަލިއެޅުއްވިއެވެ. އެހެންކަމުން ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހުގައި އެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މާއްދާތަކެއް ހިމެނިފައިވާނެކަމަށެވެ.
އީޕީއޭގެ ފަރާތުން ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، މި އިސްލާހުތައް މިހާރުން މިހާރަށްވެސް ގެންނަންޖެހޭކަމަށް އެ މުއައްސަސާއިންވެސް ދެކޭކަމަށެވެ. ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވީ، މި އިސްލާހަކީ ގާނޫނުއަސާސީން ބަޔާންކުރާ ހައްގެއް ލިއްބައިދިނުމުގެ ގޮތުން ހެދިފައިވާ ގާނޫނެއްކަމަށެވެ. ނަމަވެސް 17 އަަހަރު ވެގެންދިޔައިރުވެސް ފުރިހަމަަނުވެ އޮތްކަން އަދި މިހާރުގެ ސަރުކާރުން ގާނޫނާއި އެއްގޮތަށް ހައްގުތައް ލިއްބައިދިނުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާކަމަށެވެ.

