މި އަހަރުގެ ޖުލައި މަހުގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ލަފާކުރި އަދަދަށް ވުރެ، 12.8 އިންސައްތަ އިތުރުކަމަށް މީރާއިން ބުނެފިއެވެ.
މީރާއިން ޝާއިއުކުރި ޗާޓުން ދައްކާގޮތުގައި ޖުލައި މަހުގެ ޓެކްސް އާމްދަނީގެ ގޮތުގައި 3.39 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި އަހަރުގެ ޖުލައި މަހުގެ ޓެކްސް އާމްދަނީ މިިދިޔަ އަހަރު ޖުލައ މަހާއި އަޅައިބަލާއިރު، 15.4 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާއިން ޓެކްސްގެ ގޮތުގައި މި މަހު ލިބުނު ޖުމަލަ އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް އަދައިކޮށްފައި ވަނީ، އާމްދަނީ ޓެކްސްއެވެ. އެއީ، އެއްކުރެވުނު 100 އިންސައްތައިގެ ތެރެއިން 48.9 އިންސައްތައެވެ.
މީގެއިތުރުން، ޓެކްސްގެ ގޮތުގައި މި މަހު ލިބިގެންދިޔަ އާމްދަނީއަށް ބޮޑު ހިއްސާ އަދާކުރި އެހެނިހެން ޓެކްސްގެ ބާވަތްތަކުގެ ތެރޭގައި، ތަކެތި ގަނެ ވިއްކުމަށް ހާއްސަވެގެންވާ ޓެކްސް، ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ)އިން 31.7 އިންސައްތައާއި، ގްރީން ޓެކްސްއިން 4.7 އިންސައްތައާއި، އެއާޕޯޓު ޑެވެލޮޕްމަންޓް ޓެކްސްއިން، 4.4 އިންސައްތައިގެ އިތުރުން ޑިޕާޗަރ ޓެކްސްއިން 4.1 އިންސަތަ ހިމެނެއެވެ.
އިންކަމް ޓެކްސް އާމްދަނީން ލިބުނު ޑޮލަރުގެ އަދަދަށް އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ، ޓޫރިޒަމްއިން ނަގާ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ)އެވެ. އެއީ، ޖީއެސްޓީ 38.4 އިންސައްތައެވެ. ޓޫރިޒަމް ޖީއެސްޓީގެ އިތުރުން، އިންކަމް ޓެކްސްއިން 30 އިންސަތައިގެ އިތުރުން ގްރީން ޓެކުހުންވަނީ 9.8 އިންސަތައިގެ ހިއްސާ އަދާކޮށްފައެެވެ.
މީރާއިން ލިބުނު އާމްދަނީގެ ތެރެއިން، ނޮން ޓެކްސް ޕްރޮފިޓްގެ ތެރޭގައި މި މަހު ލިބިފައިވަނީ 355.2 މިލިއަން ރުފިޔާއެވެ.
މި މަހުގެ އާމްދަނީގެ ތެރެއިން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބިފައިވަނީ 3،030.1 ބިލިއަން ރުފިޔާއެވެ.

