”ސައުދީ ޕްރިންސް“ އާއި ގުޅޭ ސުވާލުކުރުމަށް ފޮރީން މިނިސްޓަރު އަބްދުﷲ ހަލީލް މަޖިލީހަށް ހާޒިރުކުރުމުން، ޖަވާބުނުދެއްވާކަމަށް ބުނެ އަޑުގަދަކުރުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހަލީލް ހާޒިރުކުރެއްވީ، މީކާއީލް އަހްމަދު ނަސީމް ކުރައްވާ ސުވާލަށެވެ. މީކާއީލް ސުވާލުކުރެއްވީ، ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަަމަށް ބުނެ 5 މޭ 2025 ގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާފައިވާ، ”ޕްރިންސް“ ފަހަދް ސައުދު އަލްޝަންއަކީ ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯއެވެ. އަދި އެ ބައްދަލުވުމުގައި، ސައޫދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ނުވަނީ ކީއްވެގެންތޯވެސް ސުވާލުކުރިއެވެ.
އެ ފަރާތަކީ ސައޫދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާއި ހިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާއި ދެމެދު އޮތް ހާރިޖީ ގުޅުމަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިވޭތޯވެސް ސުވާލުކުރިއެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ ފަހަދް ސައުދު އަލްޝަންއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއްގައިކަމަށެވެ. ރާއްޖެއަށް ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރެއްގައި އަމިއްލަ މަސައްކަތަށްކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް ފައިނޭޝަލް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި އެހެން ބޭފުޅުންނާއިއެކުވެސް ބައިވެރިވެވަޑައިގެންނެވިކަން ހަލީލް ފާހަގަކުރެއްވިއެވެ.
ހަލީލް ވިދާޅުވީ ނުރަސްމީކޮށް ނުވަތަ ރަސްމީކޮށް ނަމަވެސް، އެމްބަސީއިން އެ ބައްދަލުވުމެއްގައި ބައިވެރިވުމަކީ ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅު މަތީގައި އޮންނަ ބާރެއްކަމަށެވެ. ރައީސް އެގޮތަށް ނިންމާފައިވަނީ އަމިއްލަ އިހުތިޔާރުގައިކަމަށާއި، ސަބަބަކީ އެއީ އަމިއްލަ ދަތުރެއްގައި ވަޑައިގެންނެވި ބޭފުޅަކަށްވީމައިކަމަށް ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއާއި ސައޫދީ އަރަބިއްޔާގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާކަމަށާއި، ސައޫދީއާއިއެކު އޮތީ އެއަށްވުރެ މާ ގާތް އަހުވަންތަ ގުޅުމެއްކަމަށް ހަލީލް ފާހަގަކުރެއްވިއެވެ. މިދިޔަ ސަރުކާރުގައި އޮތް ގުޅުމަށްވުރެ ވެސް، މިހާރު ސައޫދީއާއިއެކު އޮތީ މާ ގާތް ގުޅުމެއްކަމަށް ހަލީލް ވިދާޅުވިއެވެ. އަދި ސައޫދީ ސަރުކާރު އެހީގެ ގޮތުގައިވެސް އެތައް ފައިސާއެއް ދީފައިވާކަމަށް ހަލީލް ވިދާޅުވިއެވެ.
އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި މީކާއީލް ވަނީ ކުރިން ކުރެވުނު ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ ސުވާލު އަލުން ސާފުކޮށްދެއްވާފައެވެ. ސައުދީގައި ’ހިޒް ރޯޔަލް ހައިނަސް‘ ލަގަބު އަރުވަނީ ރަސްގެފާނުގެ ދަރީންނާއި ދަރީންގެ ދަރީންނަށް ކަމަށްވާއިރު، ފަހަދު އަލް ސައުދަށް ނިސްބަތްކޮށް ’ހިޒް ރޯޔަލް ހައިނަސް‘ ގެ ލަގަބު ބޭނުންކުރުމަށްފަހު ރައީސް އޮފީހުގެ ވެބްސައިޓުން ފަހުން ހަބަރުތައް ފުލެހިކަން ވެސް މީކާއީލް ފާހަގަކުރެއްވިއެވެ. މިކަމުގައި އަމަލުކޮށްފައި އޮތީ ރަނގަޅަށްކަމަށް ގަބޫލުކުރައްވަންތޯ މީކާއީލް ސުވާލުކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ވެސް އެ ސުވާލަށް ޖަވާބު އެރުވިއްޖެ ކަމަށެވެ. އަދި އެއީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއަށް އަންނަ އިންވެސްޓަރުންނާމެދު ޝައްކު އުފެދި، އަގު ވެއްޓޭ ގޮތަށް އިދިކޮޅުން ވާހަކަ ދައްކާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
މިއާއިއެކު މީކާއީލްއާއި އެމްޑީޕީގެ އެހެން މެންބަރުން ވަނީ އަޑުގަދަކޮށްފައެވެ. ޖަވާބު ނުލިބޭކަމަށް ގޮވާލަމުން ދިޔައެވެ. މިނިސްޓަރު އެހެން ވިދާޅުވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި މީކާއީލް ވަނީ ބަހަނާ ދެއްކެވުމަށްފަހު، މިނިސްޓަރު ޖަވާބު ނުދެއްވާކަމަށް ވިދާޅުވިއެވެ. އަދި ރިޔާސަތުން ވަނީ މިނިސްޓަރު ޖަވާބުދެއްވާފައިވާކަމަށް ވިދާޅުވިއެވެ.
އެއަށްފަހުވެސް އަޑުގަދަ ކުރުމުން ރިޔާސަތުން ވަނީ ތަކުރާރުކޮށް މީކާއީލް އަށް ގަވާއިދަށް ހުރުމަތްތެރިކޮށް، ހިތްތެވުމަށް އެދިވަޑައިގެންފައެވެ. އަދި ދެންވެސް އަޑުގަދަ ކުރުމުން މީކާއީލްގެ ނަން އިއްވާ ތަޅުމުން ވަނީ ނެރެފައެވެ.

