ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފްކޯ 300 ހައުސިންގ ޔުނިޓުގެ ތެރެއިން ޔުނިޓެއްގެ ތަޅުދަނޑި ޙަވާލުކުރުމަށް ޙުކުމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސިފްކޯއިން ހުޅުމާލޭގައި އިމާރަތް ކޮށްފައިވާ 300 ހައުސިންގ ޔުނިޓުގެ ތެރެއިން ޔުނިޓެއް ކ މާލެ މ ހިރިނައިދޫ އަލީ ވަޙީދުއަށް ލިބޭކަމަށް އެންގުމަށްފަހު، ފަހުން އެ ނިންމުން ބަދަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ ސިފްކޯއިން ހުޅުމާލޭގައި އިމާރަތްކުރާ 300 ހައުސިންގ ޔުނިޓުގެ ތެރެއިން ޔުނިޓެއް ކ މާލެ މ ހިރިނައިދޫ އަލީ ވަޙީދުއަށް ލިބޭކަމަށް އެންގުމަށްފަހު، ފަހުން އެ ނިންމުން ބަދަލު ކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެގޮތުން އޭނާއަށް ހައުސިންގ ޔުނިޓު ލިބޭކަމަށް އެންގީ 11 އޮކްޓޯބަރު 2014 ގައެވެ.

އޭރު އޭނާ ވަނީ ޑައުންޕޭމަންޓުގެ ގޮތުގައި 91،200 ރުފިޔާވެސް ދައްކާފައެވެ.

ހަމައެއާއެކު، 14 ސެޕްޓެމްބަރު 2023 ގައި އޭނާއަށް ލިބޭ ޔުނިޓުވެސް ކަނޑައަޅާފައިވަނިކޮށް، ފަހުން އޭނާއަށް ފްލެޓު ނުލިބޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ފްލެޓު ލިސްޓުން އޭނާގެ ނަން ވަނީ އުނިކޮށްފައެވެ.

އެހެންކަމުން އޭނާގެ ފަރާތުން ވަނީ އެ ނިންމުން ބާތިލު ކޮށްދިނުމަށް އެދިފައެވެ. އަދި އޭރު އޭނާއަށް ލިބޭނެކަމަށް ކަނޑައެޅި ފްލެޓު އޭނާއަށް ދޫކުރުމަށް ސިފްކޯގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް މައްސަލައިގައި އެދިފައިވެއެވެ.

މި މައްސަލައިގައި އޭނާއަށް ފްލެޓު ލިބޭކަމަށް ކަނޑައެޅުމަށްފަހު، ފަހުން އެ ނިންމުން ބަދަލުކޮށްފައިވަނީ އޭނާއަށް އެހެން ބޯހިޔާވަހިކަމެއް ލިބިފައިވާކަމަށް ބުނެއެވެ. ނަމަވެސް އެއީ ފްލެޓަށް އެދުނުއިރުވެސް އަދި ފްލެޓު ލިބޭކަމުގެ ލިއުން ދޫކުރިއިރުވެސް ނެތް ޝަރުތެއްކަން އޭނާގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ބުނެފައިވެއެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ސިފްކޯގެ ފަރާތުން ބުނެފައިވަނީ، އަލީ ވަޙީދަށް ފްލެޓު ލިބޭކަން އަންގާފައިވަނީ އޭރު ޝަރުތު ހަމަވާކަމަށް ބަލައިގެން ކަމަށާއި، ނަމަވެސް އޭނާގެ ކިބައިން ފަހުން ޝަރުތު އުނިވެފައިވާކަމަށް ދެކޭކަމަށެވެ. އެގޮތުން ސިފްކޯހިޔާ 300 ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާނަމަ އެ ފަރާތަކީ ޝަރުތު ހަމަނުވާ ފަރާތެއްކަމަށް އޭރުވެސް ކަނޑައަޅާފައިވާނެކަމަށް ސިފްކޯގެ ފަރާތުން ފާހަގަ ކުރެއެވެ.

އެގޮތުން ބަލާއިރު، މި މައްސަލައިގައި ދައުވާކުރި ފަރާތުގެ ނަމުގައި ފްލެޓަކާއި 2000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮތްކަން އެނގޭތީ އޭނާގެ ކިބައިން ޝަރުތެއް އުނިވާކަމަށްވެސް ސިފްކޯއިން ފާހަގަކޮށްފައިވެއެވެ.

ފްލެޓުތަކުގެ ޝަރުތުތަކުގެ ވާހަކަ ބަޔާންކޮށްފައިވަނީ ”ހުޅުމާލޭގައި ހަދާ ސިފްކޯހިޔާގެ 300 ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު“ ގެ 2 ވަނަ މާއްދާގައެވެ. އަދި އެ މާއްދާގައި އޮތް 3 ޝަރުތުގެ ތެރޭގައި އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި ނެތުން ހިމެނިފައެއް ނެތެވެ.

އެހެންކަމުން މައްސަލަ ނިންމެވި ގާޒީ ވިދާޅުވީ، ޤަވާއިދަށް ބަލާއިރު، ފްލެޓު ލިބޭކަމަށް ކަނޑައަޅަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ޕޮއިންޓު ދީ، އެ ޕޮއިންޓުގެ މައްޗަށް ބިނާކޮށް އިސްކަންދޭ ތަރުތީބުވެސް ކަނޑައަޅައި، ޑައުންޕޭމަންޓު ދެއްކުމަށްފަހު ކަމަށެވެ. އަދި އެ އުސޫލުގެ މަތިން ފްލެޓުވެސް ލިބޭކަމަށް ކަނޑައަޅައި، ޑައުންޕޭމަންޓު ދެއްކުމާއި ފްލެޓު ޙަވާލު ކުރުމާ ދެމެދު ޝަރުތެއް އުނިވެއްޖެނަމަ ދެން ވާނެ ގޮތެއް ބަޔާންކޮށްފައިވެސް ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ވީއިރު އެހިސާބުން ދެން ފްލެޓު ނުލިބޭނެކަމަށް ކަނޑައެޅުމަކީ އަދުލުގެ ހަމަތަކާ ޚިލާފު ކަމެއްކަމަށް ޝަރީއަތުން ދެކޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައަށް ބަލާއިރު، ޝަރުތު ހަމަވޭތޯ ބެލުމުގެ އެންމެ ފަހުގެ ތާރީޚަކީ ޝަރުތުގެ މައްޗަށް ބިނާކޮށް ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި ފްލެޓުގެ ޙައްޤުވެރި ފަރާތަށް އަންގާ ހިސާބުން ކަމަށާއި، އެ ހިސާބުން ޑައުންޕޭމަންޓު ދެއްކުމުގެ ޒިންމާވެސް އަދާކޮށް ނިމިފައިވާތީ މި މުއާމަލާތުގައި ޝަރުތު ހަމަވޭތޯ ބެލުމުގެ މަރުޙަލާ ނިމިފައިވާކަމަށް ބަލަންޖެހޭކަމަށް ގާޒީ ވިދާޅުވިއެވެ.

ވީއިރު، ކުރިން އަންގާފައި ނެތް ޝަރުތެއް އުފަންކޮށް އެ ޝަރުތުގެ މައްޗަށް ބިނާކޮށް އޭނާ ފްލެޓަށް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމަކީ އަދާލާތުގެ ހަމައެއްނޫންކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަނީ ދައުވާކުރާ ފަރާތުގެ ނަމަކީ ފްލެޓު ލިބޭ މީހުންގެ ލިސްޓުން އުނިކުރެވިފައިވާ ނަމެއް ނޫންކަމަށް ބެލުމަށް ކަނޑައަޅުއްވާފައެވެ. އަދި ފްލެޓާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށާއި، ފްލެޓާއި ފްލެޓުގެ ތަޅުދަނޑި ޙަވާލުކުރުމަށް ޝަރީއަތުން ވަނީ އަމުރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: