ކުރީ ސަރުކާރުން ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގި ނަމަވެސް، ކިހާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރު މަސައްކަތްތަކެއް ކުރިޔަށް ގެންދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ކިހާދޫގެ މި ދަތުރުފުޅުގެ ތެރެއިން ރަށުގެ އޭޓީއެމް އިފްތިތާހުކޮށް، ސްކޫލުގެ ޕްރޮޖެކްޓު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ހަވާލުކޮށްފަ އެވެ.
ކިހާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލްއާއި، 4 ކްލާސް ރޫމްގެ މަސައްކަތުގެ އިތުރުން ސްޓާފް ރޫމްގެ މަސައްކަތް ކުރިޔަށް ގެންދާނީ ދަރިވަރުނާއި ސްކޫލު ޓީޗަރުންނަށް އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކުރާނެ ގޮތަށް ބަލައިގެންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކިހާދޫ ސްކޫލުގެ ބެލެނިވެރިންނާއި، މުދައްރިސުން އަދި ދަރިވަރުންގެ މެދުގައި ގާތް ލާމަސީލު ގުޅުމެއް އޮންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް ތައުލީމީ މަސައްކަތްތަކުގައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށް ވިދާޅުވި އެވެ.
މިއަދު ދެން އިފްތިތާހު ކުރި މަޝްރޫއުއަކީ ކިހާދޫ ގޮނޑުދުކޮށް ހިމާޔތް ކުރުމުގެ މަސައްކަތެވެ. އެ މަޝްރޫއުއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ޕްރޮޖެކްޓު ނިންމައި އިފްތިތާހު ކުރި ނަމަވެސް މުޅި މައްސަލައަށް އެއްކޮށް ހައްލެއް ލިބިގެން ނުދާކަމަށެވެ.
މިހާރު ވެސް ގޮނޑުދޮށް ހިމާޔަތް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ރަށެއް..
2023 ވަނަ އަހަރު ކިހާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީ ހޯގާޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލު ކުރީ 15 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު އޭރު އެ ކުންފުންޏަށް ހަވާލު ކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޖުމްލަ ގޮތެއްގައި ކިހާދޫއަށް ބޭނުންވެފައިވާ އެކި ބަދަލުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއަށް ކުރިއެރުންތައް ގެނެވޭނެ ކަމަށެވެ. އަދި އަންނަ އަހަރު ވެގެން ދާނީ ކިހާދޫގައި ވެސް މުޅިން އައު މަޝްރޫއުތައް ކުރިޔަށް ގެންދާނެ އަހަރަކަށްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ސަރުކާރުން ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންދިއުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރާއިރު، ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގަ އިތުރުކޮށް އެމްބިއުލާންސާއި އިތުރު ވަސީލަތްތައް ބޭނުންވާކަމަށެވެ. އެހެންކަމުން މި އަހަރު އެމްބިއުލާންސް ގެނެވި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ސިއްހީ މަރުކަޒުގެ އެކްޕެންޝަންގެ މުޅިން އައު ޕްރޮޖެކްޓެއް ހިމަނައިދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

