ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހުގެ ބޭނުމަކީ ފާރަވެރިވާ ހަމަހަމަ އުސޫލެއްގެ ތެރެއިން ހެޔޮ ވެރިކަމެއް ގާއިމުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅައި ފާސްކުރި އިސްލާހުތަކުގައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުންނާއި، ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކާ ގުޅޭ ހަމަތަކެކެވެ. އެގޮތުން ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ އެ ކައުންސިލެއް ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ވެގެން ނުވާނެކަމަށް ބިލުގައި ވެއެވެ. އަދި އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައި ވުމާއި އެކު، ކައުންސިލްތަކުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކުރެއެވެ.
ބިލުގައިވާ ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން، ބިލުގައި ބަޔާން ކުރާ ހަމަތަކާއި ތައާރުޒުވާ އެފަދަ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ، އެ އިސްލާހަށް އަމަލުކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރި ހުއްޓާލަން ޖެހޭނެ އެވެ.
މި އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާ ހަފްތާގައި ފާސްކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މި ބިލި ތަސްދީގެއް ނުކުރައްވަ އެވެ. އަދި ބިލާއި ދެކޮޅަށް އިދިކޮޅުން ދަނީ އަޑުއުފުލައި އިހުތިޖާޖު ކުރަމުންނެވެ.
ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭގެ ބޮޑު ޖަލްސާ ކުރިޔަށް ގެންދިޔައީ ދަރަވަންދޫގަ އެވެ.
ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ބޭނުމަކީ ކައުންސިލްތައް ފުނޑާލައި، ބާރު ކަނޑުވާލުންކަމަށް ކުރާ ތުހުމަތުތައް ރައީސް ވަނީ ދޮގު ކުރައްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތައް ވާން ޖެހޭނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މުވައްސަސާއަކަށް ކަމަށެވެ. އޭގެ ބަދަލުގައި ސިޔާސީ ވިސްނުން އިސްކޮށް، ރަށުގެ ކަންކަމުގައި ގަދަ ބަސް ބުނެގެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ދީ ޒިންމާ އަދާނުކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
މިފަހުން ގާނޫނަށް ގެނައި ބައެއް އިސްލާޙުތަކުގެ ތަފްސީލު ދެއްވައި ރައީސް ވަނީ އެ ބަދަލު ގެނަން ޖެހުނު ސަބަބު ސާފުކޮށް ދެއްވާފަ އެވެ. އެގޮތުން މިިރޭގެ ޖަލްސާގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ބައެއް ކައުންސިލްތަކުން ރަށްރަށުގައި ހުންނަ ބިންތައް ބަރިބަރިއަށް ކުއްޔަށް ދޫކުރެ އެވެ. އަދި ކުއްލިއަކަށް އެތައް ބަޔަކު ކޮންޓްރެކްޓަށް ވަޒީފާއަށް ނަގާއިރު ކުރިން ޕްލޭންކޮށްފައި ނުވާ ތަރައްގީގެ މަޝްރޫއުތައް ވެސް ހަމަ ކުއްލި ގޮތަކަށް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރަށުގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންނާ ބައްދަލުވުމެއް ބާއްވައިގެން ފާސްކުރަންޖެހޭ އެއްޗެއް ކަމަށާއި، އެ ޕްލޭނުގައި ނެތް ކަންކަމަށް ފައިސާ އެފަދަ ގޮތަކަށް ހަރަދު ނުކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މިފަދަ ކަންކަން ހުއްޓުވުމަށް ”ޗެކް އެންޑް ބެލެންސް“ ނިޒާމެއް ގާއިމު ކުރުމަށް އިސްލާހުތައް ގެންނަން ޖެހުނީ އެ ސަބަބާއި ހުރެކަމަށެވެ. މިގޮތުން، ކައުންސިލްތަކުގެ އިންތިހާބާއި ދެމެދު ބާކީ އަހަރަކަށް ވުމުން، ބައެއް ހާއްސަ ކަންކަމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ގާނޫނު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ހުއްދަ ހޯދުމަށް ހުށަހެޅުމުން، ކައުންސިލްތަކުގެ ޒިންމާތަކާއި، ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކާއި ގުޅޭ ކަމެއް ނަމަ، އެ ހުއްދަ ލިބޭނެކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއީ ކައުންސިލްތަކަށް ކަންކަން މަނާކުރުން ނުވަތަ ބާރުތައް ހަނި ކުރުމެއް ވެސް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއި ކަންކަން ހެޔޮގޮތުގައި ކުރިއަށްގެންދިއުމަށް މަގުފަހިކުރުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އިސްލާހުތަކުގެ އެންމެ ބޮޑު މަގްސަދަކީ ރައްޔިތުން ބާރުވެރިކުރުމާއި، ގުޑް ގަވަނެންސް ކަމަށެވެ.
މީގެ އިތުރުން، އަމިއްލަ ކުދިކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތްކުރުމަކީ ވެސް އިސްލާހުގެ ފައިދާއެއްކަމުގައި ވިދާޅުވި އެވެ.
އިސްލާހުތައް ގެނައުމުގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާކޮށް، އެ ނިޒާމަށް އިތުރު ހަރަދުނާކަމެއް ގެނައުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

