ތަރައްގީގެ ވައުދުތައް ފުއްދުމަށްޓަކައި ކައުންސިލުތަކުގެ އެއްބާރުލުން ލިބިގެންދިއުން މުހިންމުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ތަރައްގީއަށްޓަކައި ކުރެއްވުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ހިއްސާކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ވައުދުތައް ފުއްދުމާއި ރަށުގެ ރައްޔިތުންނަށް ޖެހިފައިވާ ބޭނުންތައް ފުއްދައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މި އަހަރުގެ ތެރޭގައި ބާކީ އޮތް ދުވަސްތަކާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށާއި ތަރައްގީގެ ސިޔާސަތުތައް ރޭވިފައިވަނީ އެ ޕްލޭނާއި އެއްގޮތަށްކަމަށެވެ. އަދި މިއަހަރާއި އަންނަ އަހަރަކީ އެހެނިހެން ޖަލްސާތަކުގައިވެސް ދަންނަވާފައިވާ ފަދައިން ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ތަރައްގީއާއި ގުޅުންހުރި ވައުދުތައް ފުއްދުމުގެ ގޮތުން އަމަލީ މަސައްކަތްތައް ފަށާ ދެ އަހަރު ދުވަސްކަމަށެވެ. މި ދެ އަހަރު ދުވަހުގެ ތެރޭގައި ބައެއް މަޝްރޫޢުތައް ނިންމުމަށްވެސް އަމާޒުކޮށްފައިވާކަމަށެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ވަރަށް ގިނަ އަތޮޅުތަކެއްގެ އެކި ރަށްތަކުގައި މަސައްކަތްތައް ފެށިފައިވާކަމަށާއި މި ސަރުކާރުން ފަށާ ކޮންމެ މަޝްރޫއެއްވެސް ހަލުވި ސްޕީޑެއްގައި ބާރަށް ދާނެކަމަށެވެ. އަދި ސަރުކާރުގެ ޕްލޭން އޮތްގޮތުން ކުރިއަށް އޮތް އަހަރުގެ ތެރޭގައިވެސް ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދެ އަހަރަށް ބަހާލައިގެން ސަރުކާރުންވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެފައިވާ ހުރިހާ ތަރައްގީގެ ވައުދުތަކުގެ ދަށުން މަސައްކަތްތައް ފެށުމަށް ނިންމާފައިކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރީތައް ވަމުންދާކަމަށާއި އެކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރަށްތަކުގެ ކައުންސިލުތަކުގެ އެއްބާރުލުން ލިބިގެންދިއުން މުހިންމުވާނެކަމަށެވެ.
ރައީސް ވިދާޅުވީ، އެފަދަ މުއައްސަސާތަކުގެ އެއްބާރުލުން މުހިންމުކަމަށެވެ. ސަބަބަކީ އެފަރާތްތަކުގެ އެހީތެރިކަން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޭނުންވުންކަމަށާއި ދަރަވަންދޫއިން އެ އެއްބާރުލުން ލިބިގެންދާނެކަން ޔަގީންކުރައްވާކަމަށެވެ.

