ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިވެންޓް ކަމުގައިވާ އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 – ޖޭ30 ގެ މެއިން ޕަރޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ 18 އަހަރުން ދަށުގެ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އިން 30 އޮގަސްޓު 2025 ގައުމީ ޓެނިސް ސެންޓަރުގައެވެ. މި މުބާރާތުގައި 24 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރާއްޖޭގެ 22 ކުޅުންތެރިން ހިމެނެއެވެ.
މި މުބާރާތުގެ ޒަރިއްޔާއިން ޒުވާން އެތުލީޓުންގެ ހުނަރުތައް ދައްކައިލައި، ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިޓީއެފް މުބާރާތުގެ ޕަރޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ރާއްޖޭގައި ޓެނިސް ކުރިއަރުވައި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުޅިވަރު އިވެންޓްތަކުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކެމެއް ކަމަށް މިރްޝާން ވިދާޅުވިއެވެ.
ދިރާގުގެ މަގުސަދަކީ ރާއްޖޭގައި ޓެނިސް ކުރިއަރުވައި، ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިން އިތުރު ހަރުފަތްތަކަށް ގެންގޮސްދިނުން ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވިއެވެ.
ދިރާގުން ދަނީ މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ.

