މި ސަރުކާރުގެ ސަބަބުން އެމްޑީޕީގެ ވެރިކަމުގައި ފެށިފައި ހުރި އެތައް މަޝްރޫއުއަކަށް ވީނުވީއެއް ނޭނގި ގެއްލިފައިފާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް ދީދީ ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް މިހާރު އޮތީ ހުއްޓިފައި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެއްވެސް މަޝްރޫއެއް ކުރިޔަށް ނުގެންދާކަމަށް ތުހުމަތު ކުރައްވައި ދީދީ ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑީޕީގެ ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ކަމަށެވެ. އެގޮތުން އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ނިމިގެންދާއިރު، އެ ބަނދަރުތަކަށް އަންނަން ޖެހޭ އަދަދަށް ރިސޯޓުތަކަށް އެނދު އިތުރު ނުކުރެވުމަކީ ކަންބޮޑުވުމެއްކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ، ވަރަށް އުންމީދީ ޕްލޭންތަކަކާއިއެކު އެމްޑީޕީ ސަރުކާރުން އޭރު ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓުވުމުގެ ސަބަބުން މިހާރު ވަރަށް ބޮޑު އުނދަގޫތަކެއް ދިމާވަމުންދާ ކަމަށެވެ. ދީދީ ވިދާޅުވީ މި ސަރުކާރުން ހަގީގީ ތަރައްގީއަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށެވެ.
ވަރަށް އުންމީދީ ޕްލޭންތަކަކާއި އެކު އެމްޑީޕީ ސަރުކާރުން އޭރު ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓުނީމަ އޭގެ ސަބަބުން ވަރަށް ބޮޑު އުނދަގޫތަކެއް އެބަ ދިމާވޭ
ދީދީ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު ވީވައުދުތައް ފުއްދުމުގައި ފަސް ޖެހެމުންދާކަމަށެވެ. ދީދީ ވިދާޅުވީ ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ރައީސް ވަނީ އިންތިހާބުތަކަށް ވޯޓު ހޯދުމުގެ ނިޔަތުގައި އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ވައުދުވެޑައިގެންފަ އެވެ. އަދި އިންތިހާބުގެ ފަހު އަހަރަށް ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންގޮސް ”ކަޑަޖެހުމުގެ“ އުސޫލެއް ނުގެންގުޅުއްވާނެކަމަށް ވެސް ވިދާޅުވި ކަމަށެވެ.
މި ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް، ތަކުރާރުކޮށް ބުނާއިރު އެ ތާރީހު އަންނަނީ ކޮން އިރަކުތޯ ދީދީ ސުވާލު އުފެއްދެވި އެވެ. މެމްބަރު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން ފަންޑު ލިބި، ޕްރޮޖެކްޓު ބަޔަކާ ހަވާލުކޮށް، އެމްއޯޔޫގައި ސޮއިކުރެވިފައިވާ މަޝްރޫޢުތައް ވެސް މިހާރު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. އޭގެ މިސާލެއްގެ ގޮތުގައި ދީދީ ދެއްކެވީ އައްޑޫގެ ހަންކެޑެ ޕްރޮޖެކްޓެވެ.
އައްޑޫގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި މެދު ސުވާލު އުފައްދައި ދީދީ ވިދާޅުވީ، ސަރަހައްދުގެ ފަތުރުވެރިކަމަށް މިހާތަނަށް ވެސް ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށެވެ.

