”މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން.. އެންމެ ރަސް.. ބޮޑު ބިން.. މިތަނަށް ކިޔާނީ ރަސްމާލެ“
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 2023 ޑިސެމްބަރ 18 ގައި ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު ”ރަސްމާލެ“ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅެވެ.
އޭގެ ފަހުން އަރަކަށް ވުރެ ގިނަ ދުވަސްވީ ނަމަވެސް ސަރުކާރަށް މަޝްރޫއު ކުރިޔަށް ގެންދިއުމުގައި އެކި ދަތިތައް ދިމާވި އެވެ. އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު އޭރު އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް 19 ވަނަ މަޖިލީހުން އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެ މަޝްރޫއު ހިމަނައި ބަޖެޓު ފާސް ނުކުރުން ހިމެނެ އެވެ.
އޭގެ ފަހުން މިއަދާއި ހަމައަށް ވެސް އެ މަޝްރޫއު ކާމިޔާބުވެދާނެކަމާއި މެދު އެތައް ބަޔަކު އައީ ސުވާލު އުފައްދަމުންނެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ ”ރަސްމާލެ“ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާކަމަށް ބުނެ، އެމްޑީޕީ ފާޑުކިއުން އަމާޒު ކުރަމުން ދަނިކޮށް އެ ޕްރޮޖެކްޓު ކުރިޔަށްދާ ސަރަހައްދަށް ދިއުމުގެ ފުރުސަތު ލިބުނެވެ. ފަތިހުގެ 05:20 ހާއިރު މާލެއިން ފުރައިގެން 20 ވަރަކަށް މިނެޓު ތެރޭގައި ރަސްމާލެއަށް ދެވުނުއިރު، ފެނުނީ މަސައްކަތް ކުރިޔަށް ގޮސްފައިވާ ހިސާބެވެ.
މި މަސައްކަތް ކުރާ ޑްރެޖަރު އެކި ސަބަބުތަކާއި ހުރެ މަސައްކަތް ހުއްޓާލައި ގޮސްފައިވާކަމަށް އެމްޑީޕީން ބުނާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫޢު، ރަސްމާލެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާއިރު، މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭގައި ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުނި (ޗެކް) އާ ހަވާލުކޮށްފައިވާ ސަރަޙައްދުތައް ހިއްކަން މިހަފްތާގެ ތެރޭގައި ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
ފުރަތަމަ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ) އާއި މޯހަން މުތާ އެކްސްޕޯޓްސް އިންނެވެ. ނަމަވެސް، މަސައްކަތް އިތުރަށް ހަލުވިކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް، ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާއި މި މަހުގެ ތެރޭގައި ހަވާލުކޮށްފައެވެ.
ހާބަރ އިންޖީނިއަރިން ކުންފުނިން ސައިޓް ”ސީ“ އަދި ”އީ“ އިން 265 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ ކުންފުނިން މިހާރު ވަނީ ބިން ހިއްކުމަށް ބޭނުންވާ ސައިޓް މޮބަލައިޒްކޮށް، ބަނޑް ޖެހުމުގެ މަސައްކަތް ފަށާފަ އެވެ. ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރު ވެސް ރާއްޖެ ގެނެސް، މި ހަފްތާގެ ތެރޭގައި މަސައްކަތް އެ ކުންފުނިން ފަށައިގަންނާނެ އެވެ.
މިހާތަނަށް ރަސްމާލެ މަޝްރޫޢުގެ 129 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާއިރު، ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް އަވަސް ކުރުމަށް ވެސް ވަނީ ތައްޔާރުވެފައެވެ.
ރަސްމާލެ ހިއްކާ ނިމޭއިރު އެތަން ވެގެންދާނީ ހުޅުމާލޭ ފޭސް 2 ހިމެނޭހެން، ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއަކަށެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ރަސްމާލެ ތަރައްޤީކުރާއިރު، އެތަން ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. އަދި، އެތަނުން 65،000 ގެދޮރު ދޫކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއީ މުޅި ބޯހިޔާވަހިކަމުގެ މައްސަލައިގެ ”ޓޯޓަލް ސޮލިއުޝަން“ އެވެ.
2023 ވަނަ އަހަރު މި މަޝްރޫއު ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައުމީ އެންމެބޮޑެތި މައްސަލަތައް ފިޔަވައި އެމަނިކުފާނުގެ ސަރުކާރުގައި އެންމެބޮޑު އިސްކަމެއް ދެއްވާކަމަކީ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ. އެގޮތުން މުޅިރާއްޖޭގައި ޕްލޭންކޮށްގެން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ފުރުސަތުތައް ހުޅުވާލައްވައި މަސައްކޮށްދެއްވާނެކަމަށާއި އޭގެތެރޭގައި ރާއްޖޭގެ އުތުރާ ދެކުނުގައި އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްގީ ކުރުމާއި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަތް އާބަންސެންޓަރެއް ތަރައްގީ ކުރުމުގެ މަޝްރޫޢުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުންފަދަ ލުއިފަސޭހަތައް ހަމަޖެހިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް، ގިރާވަރު ފަޅުންވެސް މިހާރަށްވުރެ އިތުރަށް 50 ހެކްޓަރު ބިން ހިއްކައި، އެތަންތަން ބުރިޖުން ގުޅުވާލައި، ”ރަސްމާލެ“ މަޝްރޫއާއި އެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ހައްލު ގެނެވޭނެ އެވެ.
މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްގީ ކުރާއިރު، މިއީ ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ އެވެ.
މީގެ އިތުރުން ޕްލޭންކޮށްފައި ވަނީ މާލެ ސަރަޙައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުސަތު ލިބޭނެގޮތަށެވެ.
ރަސްމާލެއާ މާލެއާ ދެމެދު ގާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެ އެވެ. ހަމައެހެންމެ، ފުށިދިއްގަރާ އެންމެކައިރީ އޮތް ފަޅުގައި އެއަރ ސްޓްރިޕެއް ގާއިމުކޮށް އެތަން ރަސްމާލެއާ ގުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއާއިއެކު ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުސަތުތައް އޮންނަ، ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށެވެ.
މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ރަސްމާލޭގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

