ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ސަރަހައްދުގައި، ބަސް ސްޓޮޕް ގާއިމުކޮށް، ދުވާރު އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީން މަސައްކަތްކުރަމުންދާކަމަށް އެޗްޑީސީން ހާމަކުރިއިރު، ފޭސް ދޭއްގެ ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ނިރޮޅުމަގުގައި ބަސް ސްޓޮޕް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
އެގޮތުން، އެ ބަސް ސްޓޮޕްގެ މަސައްކަތް އެއްކޮށް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން އިތުރު ބަސް ސްޓޮޕްތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އެޗްޑީސީން ހާމަކުރިއެވެ.
މީގެއިތުރުން، އެ ސަރަަހައްދުގެ މަގުތަކަކީ، ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، މަގުތައް މަރާމާތުކުރުމާއި، ދުވާރު ތަރައްގީކުރުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށައިފައިކަމަށް އެޗްޑީސީން ހާމަކުރިއެވެ. އެގޮތުން، މިހާތަނަށް، ދުވާރު ތަރައްގީކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، އެއް ބްލޮކްގެ ދުވާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށް އެޗްޑީސީން ހާމަކުރިއެވެ.
އެޗްޑީސީން ކުރަމުން އަންނަ މި މަސައްކަތަކީ އެ ސަރަހައްދުގައި ދިރިއުޅެން ފަށާނެ ފަރާތްތަކަށް، ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

