ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގެއްގެ ނިޝާން ހާމަކޮށްފިނަމަ ފަސްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ، ޤާނޫނަށް އަމަލުކުރަން ފަށައިފި

ފުލުހުންގެ މަސައްކަތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލު ކުރަން ފަށައިފިއެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 25 އޯގަސްޓު 2025 ގައެވެ.

މިއީ، ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމަށް މަޖިލީހުން ފާސްކޮށް، އަދި ރައީސް ތަސްދީޤު ކުރައްވާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގައި ގޭންގެއްގެ ގޮތުގައި ބެލެވޭނެ ގޮތްތަކާއި، ގޭންގް ކުށްތަކާއި އަދަބުތައް ހިމަނާފައިވެއެވެ. އެގޮތުން މި ޤާނޫނުގައި ”އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް“ ކަމަށް ބުނެފައި ވަނީ، ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ.

މި މާނައިގެ ތެރޭގައި، ގޭންގު، ކްރިމިނަލް އެންޓަޕްރައިސް، ކްރިމިނަލް ސިންޑިކޭޓް އަދި އެނޫންވެސް ގްރޫޕުތައް ހިމެނެއެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/3،000،000 (ތިންމިލިއަން) ރުފިޔާއާއި -/10،000،000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

މީގެ އިތުރުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، އެ ޢަމަލުގެ ޝިކާރައަކަށްވީ ކުޑަކުއްޖަކު ކަމުގައިވާނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީވެސް 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު /3,000,000 (ތިންމިލިއަން) ރުފިޔާއާއި -/10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އެ ނޫން ޙާލަތްތަކުގައި އަންނާނެ އަދަބަކީ 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، -/2,000,000 (ދެމިލިއަން) ރުފިޔާއާއި -/7,000,000 (ހަތްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

މީގެ އިތުރުން، އެއްވެސް މީހަކު އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުމަކީވެސް ކުށެއްކަމަށް ކަނޑައަޅާފައިވާއިރު، އެ ކުށަށްވެސް ބޮޑެތި އަދަބުތައް ހިމަނާފައިވެއެވެ. އަދި އެ ކުށް ކުރިކަމަށް ކަނޑައެޅުމުގައި، ކުށުގެ ތުހުމަތުގައިވާ މީހާއާ ގުޅޭގޮތުން ކޯޓުން ރިއާޔަތް ކުރާނެ ކަންކަމުގެ ތެރޭގައި އޭނާ އެ ގްރޫޕުގެ ނިޝާނެއް ބޭނުންކުރާކަން ބެލުމާއި، އެ ގްރޫޕް އުފެއްދުމުގައި ނުވަތަ ހިންގުމުގައި ޙަރަކާތްތެރިވާ އެއްވެސް ފަރާތަކާއެކު ނުވަތަ މެންބަރަކާ ގިނަ ޢަދަދަކަށް ގުޅުން ބާއްވާތޯ ބެލުން ހިމެނެއެވެ. އަދި އެ ގްރޫޕުގެ ފަރާތުން އެއްވެސް މަންފާއެއް އޭނާއަށް ލިބޭތޯ ބެލުމާއި، އެ ގްރޫޕުން ހިންގާ ޙަރަކާތްތަކުގައި ގިނަ ޢަދަދަކަށް ބައިވެރިވަމުން އައިސްފައިވުންވެސް ކޯޓުން ރިއާޔަތްކުރާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިޝާނެއް، އެނގިހުރެ ހާމަކުރުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، -/200,000 (ދެލައްކަ) ރުފިޔާއާއި -/500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

އެހެންނަމަވެސް ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން، ކުށްކުރުން ހުއްޓުވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން އެ ނިޝާން ދެއްކުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ތަމްރީނުގެ ބޭނުމަށް ހިންގާ ޙަރަކާތެއްގައި ބޭނުންކުރުމާއި، ހުއްދަކޮށްފައިވާ ޚަބަރުފަތުރާ ވަސީލަތަކުން ޚަބަރު ރިޕޯޓްކުރުމުގައި ބޭނުން ކުރުން ފަދަ ޙާލަތްތައް އެއިން އިސްތިސްނާވެއެވެ.

މީގެ އިތުރުން، ހެކިބަސްދޭ ފަރާތްތަކަށް ބިރު ދެއްކުމުގެ ކުށްވެސް މި ޤާނޫނުގައި ހިމަނާފައިވެއެވެ. އެގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅޭގޮތުން މީހަކު ޝަރީޢަތުގައި ހެކިބަސްދިނުން ހުއްޓުވުމަށްޓަކައި ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން ޤާނޫނު ތަންފީޛުކުރާ ފަރާތަކަށް މަޢުލޫމާތު ދިނުން ހުއްޓުވުމަށްޓަކައި އެ މީހަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭނެކަމުގެ ނުވަތަ މެދުވެރިކުރުވާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި ހުރި އިތުރު ކަންކަމަށް ބަލާއިރު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ނުވަތަ އެފަދަ ގްރޫޕަކަށް ނިސްބަތްވާ އެއްވެސް މީހަކު، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަކީވެސް ކުށެކެވެ. އެގޮތުން ނުޙައްޤު މުއްސަނދިކަން ހޯދުންކަމަށް ބުނެފައިވަނީ ލިބެމުންދާ ނުވަތަ ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މުދާ ހޯދުން ނުވަތަ ލިބިގަތުމާއި، އެ މުދާ ހޯދާފައިވަނީ ނުވަތަ ލިބިފައިވަނީ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށްނުދެވުމުންނެވެ.

މީގެ އިތުރުން، ތަޙްޤީޤާގުޅޭ ބާރުތަކާއި އިޖުރާއަތުތައްވެސް މި ޤާނޫނުގައި ތަފްސީލު ކޮށްދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 74%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: