2025 ޖުލައި މަހުގެ ތެރޭގައި، 923 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ހާމަކުރާގޮތުގައި، 2025 ޖުލައި މަހުގައި، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ތަކެތީގެ ތެރޭގައި، ތެލުގެ ބާވަތްތައް ހިމެނެއެވެ. އެގޮތުން، 923 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މީގެތެރޭގައި، މެރިން ގޭސް އޮއިލް(ޑީސެލް)، ޕެޓްރޯލް އަދި އޭވިއޭޝަން ގޭސް ހިމެނެއެވެ. ދެވަމއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ، ކާބޯތަކެތީގެ ބާވަތްތަކެެވެ. އެގޮތުން، 859 މިލިއަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތްތައް ވަނީ އެތެރެކޮށްފައެވެ. އަދި، 735 މިލިއަން ރުފިޔާގެ މޭޗިނަރީ، މެކޭނިކަލް އެޕްލައިއެންސް އަދި ކަރަންޓު ސާމާނު ހިމެނޭ ބާވަތްތައްވެސް ވަނީ އެތެރެކޮށްފައެވެ.
މީގެއިތުރުން، ލަކުޑިންގ ހަދާފައިވާ ތަކެއްޗާއި ޗާކޯލް، ޓެެކްސްޓައިލްސްއާއި އޭގެން ހަދައިފައިވާ ތަކެއްޗާއި، ގާ، ޕްލާސްޓާ، ސިމެންޓު، އެބެސްޓޯސްއާއި، ބޭސް މެޓަލްއާއި އޭގެން ހަދައިފައިވާ ތަކެއްޗާއި، ޓޮބަކޯ، އަލްކޮހޯލް އަދި އޫރުގެ ބާވަތްތައްވެސް ހިމެނެއެވެ.
ރާއްޖެއިން ބޭރުކުރާ ތަކެތީގެ ތެރޭގައި، އެންމެ ގިނައިން ބޭރުކުރެވިފައިވަނީ، ތައްޔާރުކުރެވިފައި އަދި ފަހަށް ރައްކާކުރެވިފައިވާ ކަޅު ބިލަ މަހެވެ. އެއީ، 43 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނައިން ބޭރުކުރެވިފައިވަނީ، 126 މިލިއަން ރުފިޔާގެ ގަނޑުކޮށްފައިވާ ކަޅު ބިލަ މަހެވެ. މީގެއިތުރުން، ގަނޑުކުރެވިފައިވާ ފަތި ކަންނެއްޔާއި ނޮޅަައިފައިވާ ފަތި ކަންނެލީގެ އިތުރުން މަހަށް ކާންދިނުމަށް ތައްޔާރުކުރެވިފައިވާ ޕެލެޓް އަދި ފުށް ވަނީ 2025 ޖުލައި މަހުގެ ތެރޭގައި އެކްސްޕޯޓްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ތަކެތި އެތެރެކުރާ ގައުމުތަކުގެ ތެރޭގައި، ޗައިނާ، އިންޑިއާ، ޔޫއޭއީ، އޮމާން އަދި ސިންގަޕޫރު ހިމެނެއެވެ. އެގޮތުން، މި ގައުމުތަކުން އިމްޕޯޓްކުރި ތަކެތީގެ ޖުމްލަ އަގަށް ބަލާއިރު،
- ޗައިނާ: 712 މިލިއަން ރުފިޔާ
- އިންޑިއާ: 704 މިލިއަން ރުފިޔާ
- ޔޫއޭއީ: 622 މިލިއަން ރުފިޔާ
- އޮމާން: 513 މިލިއަން ރުފިޔާ
- ސިންގަޕޫރު: 432 މިލިއަން ރުފިޔާ
ރާއްޖެއިން ބޭރަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމުތަކުގެ ލިސްޓުގައި، ތައިލޭންޑުއާއި، އިންގިރޭސި ވިލާތާއި، މޯރިޝަސްއާއި، ފްރާންސް އަދި ވިއެޓްނާމް ހިމެނެއެވެ. އެގޮތުން، މި ގައުމުތަކަށް އެކްސްޕޯޓްކުރި ތަކެތީގެ ޖުމްލަ އަގަށް ބަލާއިރު،
- ތައިލެންޑު: 111 މިލިއަން ރުފިޔާ
- އިންގިރޭސި ވިލާތު: 38 މިލިއަން ރުފިޔާ
- މޯރިޝަސް: 10 މިލިއަން ރުފިޔާ
- ފްރާންސް: 9 މިލިއަން ރުފިޔާ
- ވިއެޓްނާމް: 6 މިލިއަން ރުފިޔާގެ ތަކެތި ވަނީ އެކްސްޕޯޓްކޮށްފައެވެ.
ރާއްޖެއަކީ، އިމްޕޯޓްގެ މައްޗަށް ބިނާވެފައިވާ އިގްތިސާދެއްކަމުގައިވީނަމަވެސް، ރާއްޖެއިން ބޭރުކުރާ ނުވަތަ އެކްސްޕޯޓްކުރާ ތަކެތީގެ ތެރޭގައި، މަހުގެ ބާވަތްތައް ހިމެނޭއިރު، އެތަކެތި ދުނިޔޭގެ އެކި މާކެޓުތަކަށް ފުޅާކުރެވިގެންދިޔުމަކީ، ރާއްޖޭގެ އެކްސްޕޯޓް އިތުރު ކުރުމަށް ކުރެވޭ ކަމެއް ކަމަށް ބެލެވެއެވެ.

