ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025ގެ ރޭސް ކިޓް އަދި މެޑަލް ރަސްމީކޮށް ދައްކައިލައިފިއެވެ.
ދިރާގުން ބުނިގޮތުގައި، ދިރާގު ރޯޑް ރޭސް 2025 ގެ ރަސްމީ ކިޓުގައި، އެ ރޭހުގައި ބައިވެރިވާ ދުވުންތެރިންނަށް ހާއްސަ ތަކެތި ހިމެނޭ ކަމަށެވެ. އެެގޮތުން، ދުވަން ފައްޓާ ހިސާބުން ފެށިގެން. ދުވުން ނިންމާ ވަގުތު ދެނެގަނެވޭ ޗިޕް އެކުލެވޭ ސްމާޓް ބިބްއެއް، ދުވުންތެރިންނަށް ހާއްސަ ރަނިންގ ޓީޝާޓް އަދި ރޯޑް ރޭހަށް ދާ ވަގުތުގައި އުފުލަންޖެހޭ ތަކެތި ގެންދިއުމަށް ދަބަހެއް، މި ރަސްމީ ކިޓުގައި ހިމެނެއެވެ.
މީގެއިތުރުން، ރޯޑް ރޭހުގެ ނިމޭ ލައިނާއި ހަމަޔަށް ވާވިލުވެ، ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް ޑީއެމްއާރްއާރްގެ ސިލްސިލާގެ 2025 ވަނަ އަހަރުގެ އަހަރަށް ހާއްސަކޮށް، ފަރުމާކުރެވިފައިވާ މެޑަލެއް ލިބިގެންދާނެކަމަށް ދިރާގުން ބުނިއިރު، ޑީއެމްއާރްއާރް 2025 ގެ ރޭސް ކިޓާއި މެޑަލް ފެނިގެން ދަނީ ވަރަށް ކުލަގަދަކޮށެވެ.
މި އަހަރުގެ ޑީއެމްއާރްއާރްގެ ކޯޗިންގ ޕާޓްނަރުން ވަނީ ދިރާގުން އިއުލާންކޮށްފައެވެ. އެގޮތުން، މި އަހަރުގެ ކޯޗިންގ ޕާޓްނަރުންގެ ތެރޭގައި ހިމެނޭ އައިލެންޑް ރަނަރސް މޮލްޑިވްސްގެ ފަރާތުން ޑީ.އެމް.އާރް.އާރްގެ ބައިވެރިންނަށް 1 މަސް ދުވަހަށް ތަމްރީނު ވުމުގެ ފުރުސަތު ލިބިގެންދާނެއިރު އެލީޓް ރަނަރސްގެ ފަރާތުން ޑީ.އެމް.އާރް.އާރްގެ ބައިވެރިންނަށް ޕާސަނަލައިޒްޑް ޓްރެއިނިންގ ޕްރޮގްރާމަކާއެކު ތަމްރީނު ވުމުގެ ފުރުސަތު ލިބިގެންދާނެކަން ހާމަކޮށްފައިވެއެވެ.
ޕާޓުނަރުންގެ ތެރޭގައި ހިމެނޭ ނަސީރް ސްޕޯޓްސް އެކަޑަމީގެ ފަރާތުން ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ކޯޗް ނަސީރާއެކު ތަމްރީނު ވުމުގެ ފުރުސަތު ލިބޭނެކަން ހާމަކޮށްފައިވާއިރު ސާއިދް ސްޕޯޓްސްގެ ފަރާތުން ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ތަމްރީނު ވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައިވެއެވެ. އަދި ލެގަސީ ފިޓްނަސްގެ ފަރާތުން ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ޓްރެއިނާރ ރިޔާޝްއާއެކު ތަމްރީނު ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން މި އަހަރުގައި ބާއްވާ ރޯޑު ރޭހުގައި،ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީ އަދި 5 ކިލޯމީޓަރ ކޯޕަރޭޓް ޓީމް ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައެވެ. 5K، 10K އަދި ހާފް މެރެތަން ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައެވެ. ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް ވެބްސައިޓް (www.dmrr.mv) މެދުވެރިކޮށް މިހާރު ރަޖިސްޓަރ ކުރެވޭނެއެވެ.
2025 އޮގަސްޓު 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ސިލްސިލާ ގޮތެއްގައި ބާއްވަމުންދާ މުބާރާތުގެ 16 ވަނަ އެޑިޝަނެވެ. މި މުބާރާތަކީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަން އެންޑް ޑިސްޓެންސް ރޭސްގެ ވޯލްޑް ރަނިންގ ކަލަންޑަރުގައި ހިމެނޭ ރާއްޖޭގެ ހަމައެކަނި އިވެންޓެވެ.
އިތުރު ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި މުބާރާތުގެ ދުވާ ރޫޓަކީ ވޯލްޑް އެތްލެޓިކްސްއިން ސެޓްފިކެޓް ކޮށްފައިވާ ރޫޓެއްކަން ފާހަގަކުރެވެއެވެ. މިކަމަކީ މި މުބާރާތުގެ ފެންވަރު ދައްކުވައިދޭ ކަމެކެވެ.

