މިއަދު ސަރުކާރުން މަސައްކަތް ކުރަނީ ނޫސްވެރިކަމުގެ މިނިވަންކަން މަރާލަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ސޯލިހް ވިދާޅުވީ ރައްޔިތުން އުޅެމުންދާ ހާލާއި ވަކި ދާއިރާއެއް ނެތި، ވަކިވަކި ފަރުދުންނަށާއި މަސައްކަތްތެރިންނާއި ޓޫރިޒަމް އިންޑަސްޓްރީއާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި އަދި ނޫސްވެރިންނާއި އެފަދަ ހުރިހާ ދާއިރާތައް އޮތް ހާލަތު ވަރަށް ސާފު ކޮށް އިނގިވަޑައިގަންނަވާ ކަމަށެވެ. މިފަދަ ދަނޑިވަޅު ތަކުގައި ރައްޔިތުން އެމްޑީޕީގެ ފަރާތުން ކުރާ އުންމީދުތަކެއް އޮންނަ ކަމަށް ސޯލިހް ވިދާޅުވިއެވެ.
ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެކަމުގައި އިސްކޮށް ބަސްބުނެ ރައްޔިތުންނާއި އެކުގައި ތިބެނީ އެމްޑީޕީން ކަމަށް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު އޮތީ އެވަގުތު ނުވަތަ އެހާލަތު އައިސްފައި ކަމަށެވެ. މި ސަރުކާރަށް 1 އަހަރާއި 10 މަސް ދުވަސް ވީއިރުގައި މި ރާއްޖޭގައި ކަންބޮޑުނުވާ އެކަކުވެސް ނެތްކަމަށް ވިދާޅުވިއެވެ.
”ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ. ކަރަންޓުގެ އަގު އަތް ނުފޯރާ ފަށަށް ހިނގައްޖެ. އާއިލާއެއްގައި ދެމީހުން ރެއާއި ދުވާލު މަސައްކަތްކޮށްގެން ގޭތެރޭގެ ހަރަދުތަކެއް ނުބެލެހެއްޓޭ. ދަރާ ވިކެނީ. މިއަކަށް ސަރުކާރަކުން ޖަވާބުދާރީއެއް ނުވޭ. ހަމަ ގައިމުވެސް ދުނިޔޭގައި ތަކެތީގެ އަގު މައްޗަކަށް ނުދޭ. ތެލުގެ އަގެއް މ،އްޗަކަށް ނުދޭ. އެހެންނަމަވެސް ރާއްޖޭގައި މީގެ އެއް އަހަރު ކުރިއަށް ބަލާއިރުގައި ދެ ގުނަ ތިން ގުނަ ތަކެތީގެ އަގު މައްޗަށް ހިނގައްޖެ“
ސޯލިހް ވިދާޅުވީ މިއަދު ކުރިމަތީގައި އޮތް އެންމެ ބިރުވެރި ކަމަކީ ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލު ކަމަށެވެ. ބޭނުމަކީ ނޫސްތައް ކޮންޓްރޯލް ކުރުމާއި އަދި ވަކި ވަކި ނޫސްވެރިންނަށް ފިޔަވަޅޫއެއްޅުމުގެ ފުރުސަތު ހޯދުން ކަމަށް ސޯލިހް ވިދާޅުވިއެވެ.
ޖުމްލަކޮށް ހުރިހާ ނޫސްތަކަކަށް ފިޔަވަޅު އެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތް ފުޅަށް ނެންގެވުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ސޯލިހް ވިދާޅުވިއެވެ. ސޯލިހް ވޮދާޅުވީ ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގައި އޮތް އެންމެ މިނިވަން ބާރު ކަމަށެވެ. ނޫސްވެރިންނަކީ ބައެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި އެކު ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ބައެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

