ދިވެހި އުފެއްދުންތަކަށް ހާއްސަ ލޯގޯއެއް ތައާރަފު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒު އެފަދައިން ވިދާޅުވީ ފަންނު އެކްސްޕޯ އިފުތިތާހު ކުރަން އާޓްގެލަރީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ބޭނުމަކީ ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރުން ކަމަށާއި، މިދިޔަ ތިން އަހަރު ތެރޭގައި 100 މިލިއަނެއްހާ ރުފިޔާގެ ސުވެނިއަ އެތެރެކުރުވުނު ކަމަށެވެ.
އުންމީދަކީ އެ އަދަދު މަދު ކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ ފައްޔާޒު އިތުރަށް ވިދާޅުވީ، ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ވިއްކަން ހާއްސަކޮށް އަންނަ މަހު އެއާޕޯޓުގައި ޑިއުޓީ ފްރީގައި ފިހާރައެއް ހުޅުވާނެ ކަމަށެވެ.
”މީގެ އިތުރުން ދިވެހި އުފެއްދުންތަކަށް ހާއްސަ ލޯގޯއެއް ތައާރަފު ކުރަން މަސައްކަތް ކުރަމުން މިދަނީ. މިއީ މިނިސްޓްރީން ތައްޔާރުކުރާ އެއްޗެއް. ބޭނުމަކީ ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރުން. މިދިޔަ ތިން އަހަރު ތެރޭގައި 100 މިލިއަނެއްހާ ރުފިޔާގެ ސުވެނިއަ އެތެރެކުރި. އުންމީދަކީ މި އަދަދު މަދު ކުރުން،“ މިނިސްޓަރ ފައްޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ދިވެހި އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރ ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ ދިވެހި އުފެއްދުންތައް މާކެޓު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ރިސޯޓެއްގައި ދިވެހި އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވަން، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މިހާރު ނިންމާފައިވާ ކަމަށެވެ.
ރާއްޖެއަށް އިމްޕޯޓު ކުރާ ހަނދާނީ ހަދިޔާ [ސުވެނިޔަ] ގެ ބަދަލުގައި ރާއްޖޭގައި އެފަދަ ތަކެތި އުފައްދަން މަަސައްކަތްތަކެއް ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެ މިނިސްޓްރީން މަސައްކަތް ކުރީ ދުވެހި މަސައްކަތްތެރިން ކުރައްވާ މަސައްކަތްތައްް ދެއްކުމަށް އެކި އަހަރުތަކުގައި އެކި ގޮތްގޮތަށް އެކި ނަންމުގައި ބޭއްވުމުގެ ބަދަލުގައި ވަށާޖެހޭ ގޮތަަކަށް އެކްސްޕޯއެއް ބޭއްވުމަށެވެ. އެގޮތުން އެ މިނިސްޓްރީން ނިންމީ ”ފަންނު އެކްސްޕޯ“ގެ ނަމުގައި ކޮންމެ އަހަރަކުވެސް މައުރަޒެއް ބޭއްވުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވަނީ ޒުވާނުންނާއި އަންހެނުން ވިޔަފާރީގެ މައިދާނަށް ނެރެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ވައުދުތަކެއް ވެފައި ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީއިން އެ ވައުދުތައް ފުއްދުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ފައްްޔާޒު ވިދާޅުވިއެވެ.

