ހިޔާ ފްލެޓުތަކުގެ އިތުރު ލިފްޓު ހަރު ކުރުމުގެ މަސައްކަތުގެ 66 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މި މަސައްކަތް ގޮސްފައިވާ ހިސާބުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް އެޗްޑީސީ ބުނީ، ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ޓަވަރ 3 އަދި 04 ގެ މަސައްކަތް ކަމަށެވެ. މުޅި މި މަޝްރޫއުގައި ޓަވަރުތަކުގައި ލިފްޓު ހަރު ކުރުމުގެ މުޅި މަޝްރޫއުގައި ޓަވަރުތަކުގައި ސްޓްރަކްޗާގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެޗްޑީސީ ބުންޏެވެ. އަދި ލިފްޓު އިންސްޓޯލް ކުރުމުގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.
މަސައްކަތް ނިމި ލިފްޓު ހަރުކޮށް މިހާރު ބޭނުން ކުރަމުން ދަނީ ޓަވަރު 1 އަދި 2 ގައެވެ. މި ލިފްޓުތަކުގެ ވެސް މެއިންޓަނެންސް ކުރިޔަށް ގެންދިއުމުގައި ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އެޗްޑީސީ ވަނީ ބުނެފަ އެވެ.
ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ އަދަދަށް ކޭޓަރ ކުރެވޭ ވަރަށް ލިފްޓު ނެތުމުގެ ސަބަބުން ބާރު ބޮޑުވާ ގަޑިތަކުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ. ހާއްސަކޮށް ސްކޫލާއި އޮފީސް ވަގުތުތަކުގައި ލިފްޓު ކައިރީ ބޮޑު ކިއުއެއް އޮވެ އެވެ.
މި މައްސަލަ ހިމެނޭ ގޮތަށް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކުގެ ކަންބޮޑުވުންތައް ހައްލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ކެމްޕެއިނުގެ ތެރޭގައި އެކި ފަހަރު މަތީން ހިޔާ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި ލިފްޓު ހަރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް، ނިންމާލެވޭނެކަމަށް ވިދާޅުވެފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރު ކުރާނެ އެވެ. އެއީ ކޮންމެ ޓަވަރަކަށް 16 މީހުންގެ ޖާގައިގެ 2 ލިފްޓެވެ.
މި ލިފްޓުތައް ހަރުކުރާނީ ސްޓްރެޗަރ ވެސް ބޭނުން ކުރެވޭ ގޮތަށެވެ. އަދި ލިފްޓުތައް ހަރުކޮށްފައި ވަނީ ލޮބީ އޭރިއާގައި، ދަނގަނޑު ސްޓްރަކްޗާރ އެއް ބޭނުންކޮށްގެންނެވެ.

