ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާގެ ވިކްޓަރީ ޑޭ ހަފްލާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ މި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އެ ގައުމަށް ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ކާމިޔާބުތައް ފާހަގަކުރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.
މިއީ ޗައިނާއިން ވިކްޓަރީ ޑޭގެ ގޮތުގައި ފާހަގަކުރާ 80 ވަނަ އަހަރީ ދުވަހެވެ.
މި ރަސްމިއްޔާތު ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާ މިވަގުތު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ހުންނަވަނިކޮށެވެ. މި ހަރަކާތުގައި ޗައިނާގެ އެންމެ އިސްވެރިންގެ ގޮތުގައި ފާހަގަކުރެވޭ އެހެނިހެން ޝަހުސިއްޔަތުތައް ވެސް ވަނީ ބައިވެރިވެފަ އެވެ. އެސްސީއޯ ސަމިޓުގައި ޝާމިލުވުމަށްޓަކައި އެ ގައުމަށް ޒިޔާރަތްކުރެއްވި ގިނަ އަދަދެއްގެ ގައުމުތަކުގެ އިސްވެރިން މި ހަފްލާގައި ވަނީ ބައިވެރިވެފަ އެވެ. އަދި ހަފްލާ ނިމުމުން މެހެމާނުންގެ ޝަރަފުގައި ވަކި ހަފްލާއެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާބެހޭ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްތާތު ވެސް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާ ހިމެނެއެވެ.

