ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފެށި ”އޮޕަރޭޝަން ކުރނގި“ ޕްރޮގްރާމްގައި ކަނޑައެޅި މުއްދަތަށް ޕާމިޓް ސްޓޭޓަސް ނުދީ، ބަޔޯމެޓްރިކް މައުލޫމާތު އަޕްޑޭޓު ނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތައް އެެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފައިވާކަމަށް ހޯމް ލޭންޑް މިނިސްޓްރީގެ ސްޓޭޓް، މިނިސްޓަރ އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލު ކުރުމުގެ އަމާޒުގައި ފެށި މި މަސައްކަތުގެ ތެރެއިން، މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ވަނީ ނަގާފަ އެވެ. އަދި ވަކި ތާރީހެއް ކަނޑައަޅައި އޭގެ ކުރިޔަށް މައުލޫމާތުތައް ދިނުމަށް އަންގާފައި ވެއެވެ. ހޯމް މިނިސްޓްރީން ނިންމާފައި ވަނީ ޕާމިޓް ސްޓޭޓަސްގެ މައުލޫމާތު ނުދީ ހުރި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކް ކުރުމަށެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މަޖީދު ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ގެންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި ޖުމްލަ މައްސަލައިގެ ހައްލުގެ ދަށުން ކުރެވުނު މަސައްކަތުގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާތައް ނަގައި ދިހަ އިނގިލީގެ ނިޝަނާއި ފޮޓޯ އަދާހަމަ ކުރުން ހިމެނޭކަމަށް މަޖީދު ވިދާޅުވި އެވެ.
އޮޕަރޭޝަން ކުރަނގީގެ ނަމުގައި 2024 ގައި ފެށި މި ޕްރޮގްރާމުގައި އަހަރެއްގެ ތެރޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަހު ވަޒީފާ ދޭ ފަރާތްތަކަށް އިތުރު އެއް މަސް ދުވަސްދީ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތުތައް އެއްކުރުމަށް އެނގިކަމަށް މަޖީދު ވިދާޅުވި އެވެ.
ހަގީގަތުގައި ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން މި އޮތް މައްސަލައިގައި، މިނިސްޓްރީގެ ނުވަތަ ސަރުކާރުގެ.. ސަރުކާރުން ހާސިލު ކުރުމަށް ބޭނުންވާ މައިގަނޑު ދެ އޮބްޖެކްޓިވްއެއް އެބައޮތް މިކަމުގައި.. އެއްކަމަކީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން 100 ޕަސަންޓު އައިޑީ ކުރެވިގެން ދިއުން.. ދިއުމާއި އެކުގައި އެންމެނަކީ ވެސް ގަވައިދަށް ފެތިގެން، ގަވައިދާއި އެއްގޮތަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކުރިޔަށް ދިއުން.. ދެ މަގްސަދު ހާސިލު ކުރުމަށް ބޭނުން ވަނީ..
މަޖީދު ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި މިނިސްޓްރީ މަސައްކަތް ކުރަމުން ދަނީ، ގަވައިދުތައް ތަންފީޒުކޮށް އެ މައްސަލައެއްގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތުތައް ބައެއް ކުންފުނިތަކުން އަދާހަމަކޮށް، ބަޔޯމެޓްރިކް ދީފައި ނުވާތީ އެ ފަރާތްތައް ކުރިން ކަނޑައެޅި ގޮތަށް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކޮށްފައިވާނެކަމަށް މަޖީދު ވިދާޅުވި އެވެ.
އެކްސްޕަޓް ސިސްޓަމަކީ ބިދޭސީންނާއި ގުޅޭ ހުރިހާ ހިދުމަތެއް ދީ، ހުއްދަތަކާއި ކޯޓާއާއި ގުޅުން ހުރި މަސައްކަތް ކުރިޔަށް ގެންދާ ނިޒާމެވެ. އެހެންކަމުން އެ ސިސްޓަމުގެ ތެރެއިން ކުންފުނި ނަގައި، ސަސްޕެންޑު ކުރުމުން އެއިން އެއްވެސް ހިދުމަތެއް ކުންފުންޏަށް ނުލިބޭނެ އެވެ.
މަޖީދު ވިދާޅުވީ ގަވައިދަށް ފެއްތުމަށްޓަކައި މިނިސްޓްރީން ވަކިވަކި ކަންކަން އިއުލާނު ކުރުމަށް، އެއަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ކުރިޔަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅާނެކަމަށެވެ.
މިހާތަނަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި، މަޖީދު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ފީތައް ކުންފުނިތަކުން ދައްކާފައި ނެތުމެވެ. އެންމެ ފުރަތަމަ މަސައްކަތް ފެށި އިރު އެގޮތަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ އޮތުމާއި އެކު، ފީތައް ދެއްކުމަށް ކުންފުނިތަކަށް އަންގައި ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނުކަމަށް މަޖީދު ވިދާޅުވި އެވެ. އެހެންވެ މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 1.2 ބިލިއަން ރުފިޔާ ކަވަރ ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަން އެންގިއިރު، 1،026 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ 636 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެތެރޭގައި ހިމެނޭ 123 ކުންފުންޏަކުން ދައްކަން ޖެހޭ ފައިސާތައް ހުރީ މިލިއަނުންނެވެ. މިނިސްޓްރީން އާންމު ކުރި ލިސްޓު ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެެއް ދައުލަތަށް ދައްކަން ޖެހޭ ކުންފުނީގެ ބިލުތަައް 26 މިލިއަން ރުފިޔާއަށް އަރައެވެ.

