އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަނުކޮށްފި އެވެ.
ބަދުރުއްދީން މި މަގާމަށް އައްޔަނުކޮށްފައި ވަނީ، އެމްޑީކަމުގައި ކުރިން ހުންނެވި އައިޝަތު ފިފިޝީން މިދިޔަ މާޗު މަހު ވަކިކޮށްފައި ވަނިކޮށެވެ.
ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައި ހުންނެވި ބަދުރުއްދީން އެސްޑީއެފްސީއަށް އައްޔަނު ކުރިކަން ހާމަކުރީ އެ ކޯޕަރޭޝަނުންނެވެ.
ބަދުރުއްދީނަކީ އިނގިރޭސިވިލާތުގެ، ވެސްޓް އޮފް އިންގްލެންޑްއިން އެމްބީއޭ ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. އަދި ފައިނޭންސްގެ ދާއިރާގެ 13 އަހަރުގެ ތަޖުރިބާ ވަނީ ލިބިވަޑައިގެންފަ އެވެ.
އެސްޑީއެފްސީ ވަނީ ބޯޑު ބެމްބަރުންނާއި ޗެއާޕާސަން ވެސް އައްޔަނުކޮށްފަ އެވެ. އަދި އެސްޑީއެފްސީގެ ބޯޑު ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވަނީ އައްޔަނުކޮށްފަ އެވެ.
ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓީޖިކް ޕާޓްނާޝިޕް، ފާތިމަތު ފަރީހާތު ވަހީދު ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އައްޔަނުކޮށްފައިވާކަމަށް ވެސް އެސްޑީއެފްސީ މައުލޫމާތު ދެއެވެ.
އެސްޑީއެފްސީ މިހާރު ހިންގަމުން ދަނީ ގައުމީ ބޭންކު ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގަ އެވެ.
އެސްޑީއެފްސީއަކީ ވިޔަފާރިތައް ކުރިއެރުވުމަށާއި، ދިމާވާ ދަތިތައް ހައްލު ކުރުމަށް ފަސޭހައިން ލޯނުތައް ލިބޭނެ މަގު ހަމަޖެއްސުމުގެ ގޮތުން އުފެއްދި ކުންފުންޏެކެވެ. އަދި އެސްޑީއެފްސީއަކީ ސަރުކާރުގެ އެއް ވައުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.
ކުންފުނީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްސިދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

