ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިބޭ ހުރިހާ އެންމެންގެ މާލީ ބަޔާންތައް ހުށައަޅަންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުން މުހިންމުކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީސް މެމްބަރުންގެ މާލީ ބަޔާންތައް އާންމުކުރަން ފެށުމާއިއެކު ބައެއް ފަރާތްތަކުންވަނީ މެމްބަރު ފަލާހުއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރާއިމެދު ސުވާލު އުފެދިގެންދާފަދަ ގޮތަކަށް އެ އަދަދަށް އިޝާރާތްކޮށްފައެވެ. މިކަމަށް އަލިއަޅުއްވައި ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، 2026 ވަނަ އަހަރުގެ މާލީ ބަޔާން ހުށައަޅާއިރު މި އަހަރުގެ ބަޔާނުގައި އާމްދަނީގެ ގޮތުގައި ހިމަނާފައިވާ ވަރަށްވުރު ބޮޑު އަދަދެއް ހިމެނުމަށް އުންމީދުކުރައްވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ރ އިންނަމާދޫގައި އޭނާ ގަނެފައިވާ 3 ގޯއްޗެއް އޮތީ ރެޖިސްޓްރީ ބަދަލުވުމުގެ މަރުހަލާގެ ތެރޭގައިކަމަށެވެ. އަދި ހުޅުމާލެއިންވެސް ގޯއްޗެއް ގަނެފައިވާއިރު އެ ގޯތިވެސް އޮތީ ރެޖިސްޓްރީ ބަދަލުވުމުގެ މަރުހަލާގެ ތެރޭގައިކަމަށެވެ. އަދި މި އަހަރުގެ ބަޔާން ހުށައެޅުމުގެ ކުރިން އެ ގޯތިތައް އަމިއްލަ ނަން މައްޗަށް ބަދަލުކޮށް ނިންމާލުމަށް މަސައްކަތްކުރެއްވިކަމަށާއި ނަމަވެސް އެކަމުގައި ކާމިޔާބު ނުވިކަމަށް މައުލޫމާތު ދެއްވިއެވެ.
އަންނަ އަހަރުގެ މާލީ ބަޔާނުގައި ހިމެނިގެންދާނެ މައުލޫމާތުތަކެއް މިހާރު ހިއްސާކުރެއްވީ އެ ދުވަސްޖެހިގެންދާއިރު ލިޔެކިއުންތައް ފެނުމުން އެކަމާއިހެދި ނޫސްވެރިންތަކެއް އާޝޯހުވުމުގެ ފުރުސަތު އޮތްކަމަށް ދެކިވަޑައިގަންނަވާތީކަމަށެވެ. ފަލާހު ވިދާޅުވީ، ކުރީގެ ރައީސުންނާއި ފަނޑިޔާރުން އަދި ޒިންމާދާރު މަގާމުތަކުގައިތިބި ހުރިހާ އެންމެންނާއި 18 އަހަރު ނުފުރޭ ދަރިންގެ އިތުރުން އަނބިންގެވެސް މާލީ ބަޔާން ހުށައަޅަންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.
ނޫސްތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ފަލާހުވަނީ ސޯޝަލްމީޑިއާގައި ވާހަކަދައްކަވާފައެވެ. މިގޮތުން ގައުމުގެ އަމާންކަމާއި ސުލްހައަށް ލޯބިކޮށް ތެދު ހަބަރާއި މައުލޫމާތު ގެނެސްދިނުމުގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ހޯދިފައިވަނީ 4 ނޫހަކަށް ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއްކަމަށްވާއިރު އެއްވެސް ބަލާލުމެއް ނެތި ބުހުތާނު ދޮގު ހަބަރު ފެތުރުމަކީ ނުބައި އާދައެއްކަމަށް ފާހަގަކުރއްވިއެވެ.
މެމްބަރު ވިދާޅުވީ، އެކަމުގެ ސަބަބުން ހެޔޮ ނުބައި އޮޅި ކުށެއް ނެތް އާއިލާތައް ރޫޅި އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެންދާކަމަށާއި ހިނގަމުންދާ އެފަދަ ކަންކަމަކީ ދެރަ އަމަލުތަކެއް ކަމަށެވެ. އަދި މީޑިއާ ބިލު ކަމުނުދަނީ ފައިސާތަކެއް ދިނުމުން ދޭ މީހަކު އެދޭ ގޮތަށް ދޮގު ވާހަކަތަކެއް ފެތުރުމަށް ޖާގަ ނެތުމުންތޯވެސް ސުވާލު އުފެއްދެވިއެވެ. މެމްބަރުވަނީ އެގޮތަށް ފައިސާ ހޯދުމުން ހަލާލުވާނެތޯ ސުވާލުކުރައްވާފައެވެ. އެހެންކަމުން މީޑިއާތަކުގެ ވެރިން މާލީ ބަޔާން ހުށައަޅަންޖެހޭ ގޮތަށް ބިލުގައި ހިމެނުން ކިހިނެތްވާނެތޯ ސުވާލު ކުރެއްވިއެވެ.

