މާލީ ބަޔާން ހުށަނާޅާ މެމްބަރުންނަށް 15 ދުވަހުގެ ނޯޓިސް ދީފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
ގިނަ އަދަދެއްގެ މެމްބަރުންގެ މާލީ ބަޔާންތައް ހުށައެޅިފައިވާއިރު ބައެއް މެމްބަރުންގެ މާލީ ބަޔާން މަޖިލީހަށް ލިބިފައިނުވެއެވެ. މީގެ ތެރޭގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިމެނެއެވެ.
މަޖިލީޙުގެ އިދާރާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދިން އޮފިޝަލުން ބުނެފައިވާގޮތުން މެމްބަރުންގެ ބަޔާންތައް ހުށައެޅުމަށް އަންގައި 15 ދުވަހުގެ ނޯޓިސްއެއް ދީފައިވަނީ މި މަހުގެ 1 ވަނަ ދުވަހުގައެވެ.
މެމްބަރުންގެ މާލީ ބަޔާންތައް ހުށައަޅަންޖޭ ތާރީހުގެ ގޮތުގައި އޮގަސްޓު މަހުގެ 31 ވަނަ ދުވަސް ގަވައިދުން ކަނޑައެޅިފައިވާއިރު މި އަހަރުގެ ބަޔާން ހުށައެޅުމުގައި ލަސްތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.

