ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭ-ޕާކްގެ 4 އެޕާޓްމަންޓް ހަވާލުކުރަން ނުވަތަ 2.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުގެ އަމުރެއް!

ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން ވިއްކާފައިވާ ކޭ ޕާކް ރެސިޑެންސްގެ ހަތަރު އެޕާޓުމަންޓެއް އެ އެޕާޓުމަންޓުތައް ގަތް މީހާއާ ހަވާލުކުރުމަށް، ނުވަތަ އެޕާޓްމަންޓުތަކުގެ އަގަށް ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ގ. ކަކާގެއާގެ، އަލީ އާދަމް އެވެ.

އޭނާ ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކޭ ޕާކު ރެސިޑެންސްގެ 05 ފަންގިފިލާގަ އަދި 07 ފަންގިފިލާގައި ހަދާފައިވާ 04 އެޕާޓުމަންޓު އޭނާއާ ހަވާލުކުރަން އަމުރުކޮށްދިނުމަށެވެ. އެގޮތަށް ހަވާލު ނުކުރެވޭނަމަ، އަނެއް ހުށަހެޅުމަކީ އެ އެޕާޓުމަންޓުތަކުގެ އަގަށް އޭނާ ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް އަމުރުކޮށްދިނުމެވެ.

މި މައްސަލާގައި ސިވިލް ކޯޓަށް ހަންބޯ ކުންފުނިން ޖަވާބުދާރީވެފައި ނުވާއިރު، މައްސަލައިގައި ހުކުމް ކުރީ ވެސް އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.

ކޯޓު ނިންމުމުގައި އަމުރުކޮށްފައި ވަނީ ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި މި އެޕާޓުމަންޓުތައް އަލީ އާދަމްއަށް ހަވާލު ކުރުމަށެވެ. އަދި އެޕާޓުމަންޓުތައް ހަވާލު ނުކުރެވޭ ނަމަ، އޭގެ އަގަށް އަލީ ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ވެސް ހުކުމްގައި ވެއެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަލީ އާދަމަށް މި އެޕާޓުމަންޓުތައް ވިއްކުމުގެ އެއްބަސްވުމެއްގައި 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ 3 ވަނަ ދުވަހު ހަންބޯ ކުންފުނީގެ ޑިރެކްޓަރު ހަސަން މަމްދޫހު ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައި ވެއެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މި 04 އެޕާޓުމަންޓަކީ ވެސް އަލީ އާދަމްއާއި ހަވާލު ކުރަން ޖެހޭ ތަންތަންކަމަށް ވެއެވެ.

މި މައްސަލާގައި އަލީ އާދަމް، އެޕާޓްމަންޓްތައް ޙަވާލު ނުކުރެވޭނަމަ ދައްކާފައިވާ ފައިސާ އަނބުރާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދުނުއިރު، ޝަރީއަތުގެ ހަރަދު ނަގައިދިނުމަށް ވެސް އެދިފައި ވެއެވެ. ނަމަވެސް، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދޭ މިންވަރެއް ބަޔާންކޮށްފައި ނެތުމުގެ ސަބަބުން، އެއްވެސް މިންވަރެއް ޝަރީޢަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް ކޯޓުން ހުކުމްކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: