މިހާތަނަށް ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއްކުރީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ ބަޖެޓުން ޕީއެސްއައިޕީގެ ގޮތުގައި ކުރާ ހަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި މައުލޫމާތުގައިވާގޮތުން އޮގަސްޓު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވާ ޓްރާންސްޕޯޓު ދާއިރާގެ ޖުމުލަ ހޭދައަކީ 2.51 ބިލިއަން ރުފިޔާއެވެ. މިއީ ބަނދަރު ސަރަހައްދާއި ބުރިޖު އަދި އެއަރޕޯޓާއި އާންމު ދަތުރުފަތުރުގެ މަސައްކަތްތަކަށް ކޮށްފައިވާ ހަރަދުކަން ފާހަގަކޮށްފައިވެއެވެ.
ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށެވެ. ޖުމުލަ 461.2 މިލިއަން ހަރަދުކުރެވިފައިވާއިރު މީގެ ތެރެއިން 339.1 މިލިއަނަކީ ބިން ހިއްކުމުގެ މަސައްކަތްތަކަށް ކޮށްފައިވާ ހޭދަކަމަށް ބުނެފައިވެއެވެ.
ވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން ސަމާލުކަމެއް ދީފައިވެއެވެ. މި ދާއިރާއަށް 318.3 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާއިރު ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި ވޭސްޓް މެނޭޖުމެންޓާއި ކޯސްޓަލް ޕްރޮޓެކްޝަންގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ނިޒާމާއި ގުޅުންހުރި ކަންކަންވެސް ހިމެނެއެވެ.
މި މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާގެ ތަރަށްގީއަށް 189.5 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވެއެވެ. ގައުމީ ސަލާމަތާއި ދާހިލީ ހަމަޖެހުން ކަށަވަރުކުރުމުގެ ގޮތުން ހަރަދުކޮށްފައިވަނީ 25.1 މިލިއަން ރުފިޔާކަމަށް ބުނެފައިވެއެވެ. އަދި ތައުލީމީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން 74.2 މިލިއަން ހަރަދުކޮށްފައިވާއިރު ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި 93.1 މިލިއަން ހޭދަކޮށްފައިވާކަން ފިނޭންސްގެ ތަފާސްހިސާބުން ފެނިގެންދެއެވެ.
ހައުސިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 124.6 މިލިއަން ހަރަދުކޮށްފައިވާއިރު ރާއްޖޭގެ އިޖްތިމާއީ އަދި ދީނީ މަސައްކަތްތައް ކުރިއެރުވުމުގެ ގޮތުން މި މުއްދަތުގެ ތެރޭގައި 95.7 މިލިއަން ހަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

