މިނިވަން ހުރިހާ މުވައްސަސާތަކެއްވެސް ރެގިއުލޭޓް ކުރެވޭ ކަމަށާއި، ވަކި ބަޔަކު ވީމާ ޖަވާބުދާރީ ނުވެވޭ ގޮތަށް އޮވެގެން ނުވާނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރުމާއި ގުޅޭ ގޮތުން އުފެދިގެން އުޅެނީ މައްސަލައެއް ނޫން ކަމަށެވެ. ދީދީ ވިދާޅުވީ ރާއްޖޭގައި ނޫސް ރެގިއުލޭޓް ކުރެވެން ޖެހޭކަމަށް އެންމެންވެސް ގަބޫލުކުރާނެ ކަމަށެވެ. ރަނގަޅުގޮތުގައި މީޑިއާ ރެގިއުލޭޓް ކުރަން އެކަމަށް ބޭނުންވާ ބޮޑީއެއް އުފެއްދުމަށްޓަކައި ސަރުކާރުން މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާ ބާރުވެރިކުރުވާ މީޑިއާ ރަނގަޅުގޮތުގައި މަސައްކަތް ކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށް ދީދީ ވިދާޅުވިއެވެ. މީޑިއާ ބާރުވެރިކުރުވުމަކީ ރާއްޖޭގެ ގިނަ ބަޔަކު މީޑިއާ ބަލައިގަތުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ މީޑިއާއިން ކުރާ މަސައްކަތަކީ ރަނގަޅު މަސައްކަތެއް ކަމަށް ބަލައިގަތުމަކީވެސް މުހިންމު ކަމެއްކަމަށެވެ.
މީޑީއާއަށް ނަފްރަތު ކުރާ މީހުންތަކެއް ތިބި ކަމުގައި ވާނަމަ އަދި ކަންތައްތައް ކުރެވެމުންދާ ގޮތަކީ ރަނގަޅުގޮތް ނޫން ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ވާނަމަ މީޑިއާގެ ބާރުތައް އެ ދަނީ ކަމަށް ދީދީ ވިދާޅުވިއެވެ.
”ސަރުކާރުން ބޭނުންވަނީ މީޑިއާ ރަނގަޅުގޮތުގައި ރެގިއުލޭޓް ކުރަން. ދުނިޔޭގެ އެހެން ތަންތަނުގައިވެސް ތަހުޒީބުވެފައިވާ މުޖުތަމައުތަކުގައި، ިހާރު އަޅުގަނޑުމެން ކޮންމެކަމެއްގައި ބަލާނެ ޔޫރަޕުގެ ގައުމުތަކާއި މިސާލަކަށް ޖަރުމަނު ވިލާތައް ނުވަތަ އިންގިރޭސި ވިލާތައް ބެލިޔަސް އަދި ޔޫއެސްއަށް ބެލިޔަސް އަދި ކައިރި ގައުމިތަކަށް ބަލާއިރު މެލޭޝިއާއަށް ބެލިޔަސް އެތަންތާވެސް މީޑިއަ ޖަވާބުދާރީވާގޮތާއި ދެފުށް ފެންނަ ގޮތަށް މީޑިއާވެސް އޮންނަނީ“
90 އިންސައްތަ ދޮގު މައުލޫމާތު ފޮނުވާއިރު އެއަށް ޖަވާބުދާރީ ވާނެ މީހެއް ނެތުމަކީ މައްސަލައެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ދައުލަތާއި ގުޅިގެން އުފައްދާފައިވާ މުހިންމު މުވައްސަސާތައް ކަމަށްވާ ހިއުމަން ރައިޓްސް ފަދަ މުވައްސަސާތައް ވެސް ޖަވާބުދާރީ ކުރުވޭކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އެ މުވައްސަސާތަކަށް ގޯހަށް ކަމެއް ކުރެވުނު ކަމަށް ވީނަމަވެސް ޖަވާބުދާރީ ވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެންމެ މިނިވަންތަނަކަށް އޮންނަނީ ފަނޑިޔާރުގެ ކަމަށާއި އެހެންނަމަވެސް ފަނޑިޔާރުގެވެސް ޖަވާބުދާރީ ވާކަމަށް ދީދީ ވިދާޅުވިއެވެ. އަދި މީގެއިތުރަށް ރައީސުލްޖުމްހޫރިއްޔާވެސް ޖަވާބުދަރީވާން އޮންނަކަމަށް ވިދާޅުވިއެވެ.

