ލަސްނުކޮށް މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުން ދިވެހި މުުޖުތައަށް ކޮންމެހެންވެސް ބޭނުންތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ހުށައެޅިފައިވާ މީޑިއާ ރެގިއުލޭޝަން ބިލާއި ގުޅޭގޮތުން ސިނާން ވިދާޅުވީ، ނޫސްވެރިކަމުގެ ފަހަތުގައި ފިލާތިބި ސިޔާސީ އެކްޓިވިސްޓުންތަކެއް މަސައްކަތް ކުރަމުން ދަނީ މިނިވަންކަމުގެ މާނަ އޮޅުވާލުމަށް ކަމަށެވެ.
އެގޮތުން އެއީ މީހުންނަށް ފުރައްސާރަކުރުމާއި އަބުރާ އިއްޒަތަށް އުނިކަން ގެނެސް ދޮގު ފެތުރުމުގެ ހައްގުކަމަށް ދެއްކުމަށް މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ޒިންމާދާރުކަމެއް ނެތްނަމަ މިނިވަންކަމަކީ އެއްގޮތަކަށްވެސް މިނިވަންކަމެއް ނޫންކަމަށެވެ. އެހިސާބުން ހަމަނުޖެހުމަށް ބަދަލުވެގެންދާކަމަށާއި އޭގެ ސަބަބުން އާންމު ރައްޔިތުންނާއި އާއިލާތައް ބުހުތާނު ދޮގު ހަދާ މީހުންގެ ކިބައިން ރައްކާތެރިކަން ނުލިބޭ ހާލަތަށް ދޫކޮށްލެވިގެންދާކަމަށް ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮތް ޒިންމާދާރު ޑިމޮކްރެސީތަކުގައި ބުހުތާނު ދޮގު ހަބަރާއި ލިޔުންތަކުން އާންމުން ރައްކައުތެރިކޮށް ސަލާމަތް ކުރެވިފައިވާކަމަަށެވެ. ހަގީގަތް ހާމަކުރާ ފަރާތްތައް ހިމާޔަތް ކުރެވިގެންދާގޮތަށް ވެސް މީޑިއާ ގާނޫނުތައް ތައާރަފު ކުރެވިފައިވާކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އެކުލަވާލެވުނު ބިލަކީވެސް މި ބީދައިން އެކުލަވާލެވިފައިވާ ގާނޫނެއްކަމަށާއި ފަރުމާ ކުރެވިފައި ވަނީ އާންމުންގެ ގަދަރާއި ކަރާމާތް ހިމާޔަތް ކުރުމަށާއި އާއިލާތައް ނުބައި ނުލަފާ ދޮގުތަކުން ސަލާމަތް ކުރުމަށްކަމަށެވެ.
މި ބިލަކީ ނޫސްވެރިކަމުގެ ހިދުމަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްކަމަށާއި އޭގެ ސަބަބުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވާލެވިގެން ނުދާކަމަށް ސިނާން ވިދާޅުވި އެވެ. ސިނާން ވިދާޅުވީ، މި ބިލަކީ އެހެނިހެން ޑިމޮކްރެސީތަކުގައި ވެސް ލިބިދީފައިވާ ހައްގުތައް ދިވެހިންނަށްވެސް ލިބިދިނުމަށް ހުށައެޅިފައިވާ ބިލެއްކަމަށާއި އެހެންކަމުން ލަސްނުކޮށް ގާނޫނު ފާސްކުރުމަކީ ރާއްޖޭގެ މުޖުތަމައު ހިމާޔަތްކޮށް ޑިމޮކްރެސީ ރައްކައުތެރިކުރުމަށާއި ރައްޔިތުންގެ މުސްތަގުބަލު ޔަގީންކުރުމަށްޓަކައި ކޮންމެހެންވެސް މުހިންމުކަމެއްކަމަށެވެ.

