އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދޭ ބަޖެޓު 5 އިންސައްތައިން 10 އިންސައްތައަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރައީސް ވަނީ 2 ބަދަލެއް ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ ފަސް އިންސައްތަ ދެގުނަ ބޮޑުކޮށް، ދިހަ އިންސައްތައަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިދިޔަ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވަން ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވީ ޑިސެމްބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ބޭއްވި ޖަލްސާގައެވެ. އަދި އެ އިސްލާހު ގެނައުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ފެބްރުއަރީ 10ގައެވެ. ބިލުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެމްބަރަކަށް، ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3،000ރ. ދިނުމަށެވެ.
ސަރުކާރުގެ އަމާޒަކީ އަންހެނުން ބާރުވެރި ކުރުވުން ކަމަށާއި އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް ރަށްރަށަށް ކުރައްވާ ދަތުރުތަކުގައިވެސް ވިދާޅުވެފައެވެ.

