ގައުމެއްގައި ވެރިއެއް ހޮވަނީ އެމީހަކު އަމިއްލައަށް ވާދަކޮށް ކުރިން ވެރިކަން ކުރެއްވި ރައީސުންނަށްވުރެ ރަނގަޅަށް ވެރިކަން ކުރައްވާނެ ކަަމަށް ވައުދުވުމުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ ”ޕިކަޕު ޖަލްސާ“ ގައި މައުރޫފް ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޒިންމާއަކީ ރައްޔިތުންނާއި ހަމައަށް ސަރުކާރަކުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަ ބުނެދީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރުން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތަކީ ދިވެހި ރައްޔިތުންގެ މާލިއްޔާތު ލޫޓުވާލާ ރައްޔިތުން ބިކަކޮށް، ރައްޔިތުންގެ އަތް މަތި އެކީއެކަށް ހުސްކޮށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުކޮށް، އާއްމު އަސާސީ ހިދުމަތްތައް އަތް ނުފޯރާ ހިސާބަށް ބޮޑުކޮށް މާ ރަނގަޅަށް ގައުމު ހިންގާނެކަމަށް ބުނެ ރައްޔިތުން ބިކަކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީއާއި އެކު މަގުމައްޗަށް ނިކުތުމަށް ރައްޔިތުންނަށް ގޮވާލުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރި ނުވާ ކަމަށް ގިނަ ބަޔަކަށް ހީވެދާނެ ކަމަށާއި އެހެން ނަމަވެސް، އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށެވެ. މައުރޫފް ވިދާޅުވީ އެމްޑީޕީން ބޭއްވި ބޮޑެތި ކޮންމެ އެއްވުމެއްގައި ނުވަތަ ޖަލްސާއެއްގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާ ކަމަށެވެ. މައުރޫފް ވަނީ 3 އޮކްޓޫބަރުގައި އެމްޑީޕީން ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އާއްމުރައްޔިތުންނަށް ގޮވާލައިފައެވެ.
”ވެރިކަމަށް ވަޑައިގަންނަމުން ވައުދުވެފައި އޮތީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް 2 ލައްކަ ރުފިޔާ ނަގުދު ފައިސާ ދޭނެ ކަމަށް. އެހެންނަމަވެސް ވެރިކަަމަށް ވަޑައިގެންފައި 27 އަހަރުފަހުން 1 ލައްކަ ރުފިޔާ ލިބޭގޮތަށް ވައުދު ފުއްދީ. އެއީ އޮޅުވާލުމެއް. އެއީ ބޮޑު ގޯހެއް. އެއީ ރައްޔިތުންނަށް މަލާމާތް ކުރީ. ރައްޔިތުން ވާވައްދާފަ އޮޅުވާލައިގެން ވޯޓު ދިނީ“
މައުރޫފް ވިދާޅުވީ ވެރިއަކު ހޮވަނީ އެމީހަކު އަމިއްލައަށް އިންތިހާބުގައި ވާދަކޮށް، ކުރިން ވެރިކަން ކޮށްފައިވާ ފަރާތްތަކަށް ވުރެ މާ ރަނގަޅަށް ވެރިކަން ކޮށްދެއްވާނެ ކަމަށް ވައުދުތަކެއް ވުމުން ކަމަށެވެ. ރައްޔިތުން ފޮނި އުންމީދުގައި ވެރިއަކު ގެންނަނީ ކޮށްފައިވާ ވައުދުތަކަކީ ފުއްދައިދޭނެ ކަންކަން ކަމަށް ގަބޫލުކޮށްގެންކަމަށް މެމްބަރު ވިދާޅުވިއެވެ. ސަރުކާއަށް 2 އަހަރި ވެގެންދާއިރު ވެފައިވާ އެއްވެސް ވައުދެއް ވިދާޅުވގޮތަށް ފުއްދިފައި ނެތުމުން ސަރުކާރު ޖަވާބު ދާރީކުރުވަން ނިކުތުމަކީ އެމްޑީޕީގެ ވާޖިބެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

