މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިއެޗް) ގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްދާ ކަމަށް އެމްސީޖިއެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށް ދާ ކަމަށެވެ. އެ ޕްރޮގްރާމްގައި އެކި ސްޕެޝަލިޓީތަކުން ޑޮކްޓަރަށް ދެއްކުމާއި ސަރޖިކަލް އޮޕަރޭޝަންތައް ކުރުން ހިމެނޭ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ހަލީމް ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމުގެ އިތުރަށް ހޮސްޕިޓަލުގެ ކްލިނިކަލް އަދި ފަންކްޝަނަލް ކެޕޭސިޓީ އެސެސްކުރުން ވެސް ހިމެނޭނެ ކަަމަށެވެ. ރާއްޖޭގެ އަތޮޅުތަކުގައި ދެއްވާ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް، ހެލްތް މިނިސްޓްރީއާއި، ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން އެމްސީޖީއެޗް ގެ ދައުރު އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދިނުމަކީ އެމްސީޖިއެޗް ގެ މުޙިއްމު އަމާޒެއް ކަމަށް ހަލީމް ވިދާޅުވިއެވެ.
މި މަހުގެ 5 އިން 8 އާ ހަމައަށް ކުރިއަށްދާ މި ކޭމްޕްގެ ދަށުން އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނަށް ދެއްކުމާއި ސާޖިކަލް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެއެވެ. އެ ޕްރޮގްރާމްގެ ދަށުން ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރުންނާއި ލެޕްރޮސްކޮޕިކް ސާޖަރީގެ އިތުރުން، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުން ވެސް ކުރިއަށްދާނެއެވެ.
އެ ކޭމްޕަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ދިމާވާ ބޮޑެތި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން އެމްސީޖީއެޗް އިން ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމެކެވެ.

