ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
އެއީ ދޮންފަނާއި ޖެހިގެން އޮންނަ ފަރެކެވެ. މި ފަރުގައި ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ ހުރެއެވެ. މިއީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި އޮންނަ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ދޮންފަނު ބިން ހިއްކުމުގެ ސަބަބުން މި ސަރަހައްދަށް އަސަރު ކޮށްފާނެތީ ޕެޓިޝަނެއްގެ މަސައްކަތް ފެށީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިންނެވެ. ބުދަ ދުވަހު ފެށި މި ޕެޓިޝަނަށް 4 ދުވަސްވީއިރު، 3،000 އަށްވުރެ ގިނަ މީހުންގެ ސޮއި ވަނީ ހަމަވެފައެވެ.
ޖަމިއްޔާގެ ފަރާތުން ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމުމަކީ ހަނިފަރުގެ ސަރަހައްދު ބޮޑު ނުރައްކަލަކަށް ހުށަހެޅޭނެއެވެ. މިކަމުގެ ސަބަބުން އެތަނަށް އަންނަ ފަތުރުވެރިންވެސް ގެއްލި، ގައުމުގެ އިގްތިސާދަށް އަސަރުތަކެއް ކުރާނެކަމަށް ފާހަގަކޮށްފައިވެއެވެ.
ބިން ހިއްކުމުހެ ސަބަބުން އޮއިވަރު ބަދަލުވާނެކަމަށާއޖ، އެއާއިއެކު އެތަމުގައި ދިރިއުޅޭ މަސް މަހާ މެހީގެ ކާނާގެ ނިޒާމަށް ދަތިތަކާއި ކުރިމަތިވާނެކަމަށްވެސް މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. އަދި މުރަކަތައްވެސް މަރުވާނެކަމަށްވެއެވެ.
ޕެޓިޝަންގައި ޖުމްލަ ގޮތެއްގައި ގޮވާލާފައިވަނީ، މަޝްރޫއު މަޑު ޖައްސާލުމަށެވެ. އަދި ފުރިހަމަ އީއައިއޭ ރިޕޯޓެއް ނުހަދައި، މި މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވެސް ގޮވާލާފައިވެއެވެ.
މި މަޝްރޫއު ކުރިއަށް ގެމްދިއުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ ރައީސޫލްޖުމްހުރިއްޔާ މިފަހުން ދޮންފަނަށް ކުރެއްވި ފަތުރުގެ ތެރެއިންނެވެ.

