ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ އަސްލަކީ އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ދަރަނީގެ މައްސަލައާ ގުޅޭގޮތުން އެމްޑީޕީ އަދި ޕީއެންސީގެ އިސް މެންބަރުންގެ މެދުގައި ސޯޝަލް މީޑިއާގައި ހޫނު ބަހުސްތަކެއް ކުރެވެމުންދާއިރު، މެންބަރު ސިނާން ވަނީ އެމްޑީޕީގެ ދައުރުގައި ހިނގާފައިވާކަމަށް ތުހުމަތުކުރެވޭ ބައެއް ޚަބަރުތަކާއި، ޕާޓީގެ ތެރެއިން ވެރިކަމަށް އަމާޒުވެގެންދިޔަ ފާޑުކިޔުންތަކުގެ ޚަބަރުތަކެއްގެ ސްކްރީންޝޮޓް އާންމުކުރައްވާފައެވެ.
”ރާއްޖޭގައި މުދަލުގެ އަގު މައްޗަށް ދިއުމާއި އިންފްލޭޝަން މަތިވެފައި މިވަނީ އިއްޔެ ނޫނީ މިއަދަކު ނޫން،“ސިނާން ވިދާޅުވިއެވެ. ”މި ހާލަތު މެދުވެރިވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފައިސާ ޗާޕުކޮށް، ބޮޑެތި އަދަދުތަކުން ލޯނު ނަގައި، އެ ފައިސާތައް ޕާޓީގެ އިސްވެރިންގެ މެދުގައި ބަހާލުމުގެ ސަބަބުން.“
މެންބަރު ސިނާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީން ދަނީ ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަދި އަމާން މަންޒިލަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރާ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަގުތައް ދިއްލުމަށް ފެނަކައާއި ސްޓެލްކޯއިން ކުރިއަށް އޮތް އަހަރުން ފެށިގެން ޑޮމެސްޓިކް ރޭޓުގައި ބިލުކުރާނެކަމުގެ ރައީސްގެ އިޢުލާނަށްވެސް މެންބަރު އަލިއަޅުވާލެއްވިއެވެ. މި ފިޔަވަޅުގެ ސަބަބުން ކައުންސިލުތަކުގެ ޚަރަދު ކުޑަވެ، އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ ޖާގަ ލިބިގެންދާނެ ކަމަށް ސިނާން ފާހަގަކުރެއްވިއެވެ.

