ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ވަކިވީ ސަބަބު އެނގެން ޖެހޭ މީހުންނަށް އެނގޭނެ، އަދާކުރީ ތަބަކަށް ލައި ދިން މަގާމެއް ނޫން: މަހުލޫފް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ މިނިސްޓަރ އަހުމަދު މަހުލޫފް/ ފޮޓޯ: ޔޫތް މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެމްޑީޕީގައި ހުންނެވުމަށް ފަހު، އެ ޕާޓީން ވަކިވާން ޖެހުނީ ކޮން ސަބަކާއި ހުރެކަން އެކަން އެނގެން ޖެހޭ ފަރާތްތަކަށް އެނގޭނެކަމަށް ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ދަފްތަރުން މަހުލޫފް ވަކިވީ ސީދާ ސަބަބެއް ސާފެއް ނޫނެވެ. އެހެން ނަމަވެސް އަޑުތައް ފެތުރިފައިވާ ގޮތުން، މަހުލޫފް ވަރަށް އަވަހަށް މި ސަރުކާރާއި ގުޅިވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި މަހުލޫފް، އެމަނިކުފާނާއި ފެޔަށް ޖެހި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެކު މަސައްކަތް ކުރައްވަން ފެއްޓެވީ 2015 ގައި ޕީޕީއެމްއިން ވަކި ކުރުމުންނެވެ. އޭރު މަހުލޫފް ޕީޕީއެމްއިން ވަކި ކުރީ ރައީސް ޔާމީންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކެވިކަމަށް ބުނެ އެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އުފެދުނު ”ގުޅިފައިވާ ސިޔާސީ ޕާޓީތައް“ އިއްތިހާދުގައި އެންމެ އިސްކޮށް ހުންނެވި އެއް މެމްބަރަކީ މަހުލޫފެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތައް ކުރެއްވުމަށް ފަހު، މަހުލޫފް އެމްޑީޕީއާއި ގުޅިވަޑައިގަތީ 2018، ނޮވެމްބަރުގަ އެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ކެބިނެޓު ވަޒީރުކަމަށް ވަޑައިގަތެވެ.

ދިހަ އަހަރު އެމްޑީޕީގައި ހުންނެވި ނަމަވެސް، ޕާޓީގެ ވެރިކަން ބަދަލުވުމަށް ފަހު މިދިޔަ ދެ އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް ޕޯޑިއަމްއަކުން މަހުލޫފް ފެނިފައި ނުވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާ އެމްޑީޕީގެ ގައުމީ މަޖިލީހާއި، މާލޭގެ މޭޔަރުކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވި ނަމަވެސް ޕާޓީގެ އެތެރޭގެ ބައެއް ކަންތަކަކާއި ހުރެ އެ ފުރުސަތެއް ނުލިބުނެވެ.

މިފަހުން އަނެއްކާވެސް ކުޅިވަރުގެ ބައެއް ހަރަކާތްތަކުން މަހުލޫފް ފެންނަމުން ދިޔަ އެވެ. އަދި އިއްޔިގެ ވަގުތެއްގައި އެމްޑީޕީން ވަކިވުމަށް ބޭނުންވާތީ އެކަން ޕާޓީގެ ޗެއާޕާސަނަށް އަންގަވައި ސިޓީއެއް ފޮނުއްވި އެވެ. އެއާއި އެކު އޭނާއަށް އެކި ފާޑުކިއުން އަމާޒުވަމުންދާއިރު، މި ވާހަކަތަކަށް ރައްދު ދެއްވައި މަހުލޫފް ވިދާޅުވީ 2015 ގައި އެމްޑީޕީ އާއި އެކު މަސައްކަތް ފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނިކުމެ ކަމަށެވެ.

މަހުލޫފް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ގެނެވުނީ ޖަލުގައި ދުވަސްތައް ހޭދަކޮށް، ނުވަތަ ގޭ ބަންދުގައި ހުންނަވައިގެން އެކި ގޮތްގޮތުން އެތައް ގުރުބާނީއެއް ވެގެން ކަމަށެވެ. އެހެންކަމުން މަސައްކަތެއްކޮށް، ގުރުބާނީވެގެން މަގާމެއް ހައްގުވާނަމަ އޭނާ އެމްޑީޕީގެ ސަރުކާރުގައި އަދާކުރީ ހައްގު މަގާމެއްކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަމަކީ އެއްވެސް ގޮތެއްގައި، އޭނާއަށް ”ތަބަކަށް ލައި ދިން“ މަގާމެއް ނޫނެވެ.

”އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ގެނައިވެރިކަމެކެވެ. މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޔާ ފުރަތަމަ ގުނާ އެކަކަށް އަޅުގަނޑުވާނެއެވެ. ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއްނޫނެވެ.“ ސޯޝަލް މީޑިއާއައި މަހުލޫފް ކުރެއްވި ޕޯސްޓުގައި ވެއެވެ.

ސިޔާސީ ޕޯޑިއަމްތަކާއި، އެއްވެސް ޓީވީ ޕްރޮގްރާމެއްގައި ބައިވެރި ނުވާތާ ދެ އަހަރުވެފައިވާކަން ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ އޭނާގެ ނިންމުން ބަލައިނުގެނެވުނު ފަރާތްތަކުގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި އެންމެ ބޮޑަށް ފާޑުކިއުން އަމާޒު ކުރަމުން ދަނީ، އެމްޑީޕީގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ކަންކަން ކުރިން ރަނގަޅު އުޅުނު މީހުންނަށް، މިއަދު އެއީ ގޯސްކަންތަކެއް ކަމަށެވެ. އަދި ވިދާޅުވީ ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތްކަމަށާއި ދެގޮތެއްނުވެ އެއްވިސްނުމެއްގައި ހުރި ލީޑަރެއް ވެސް ނެތް ކަމަށެވެ.

މިއީ ނިންމަން ވަރަށް އުނދަގޫވި ވިސްނުމެއް ނަމަވެސް، އެމްޑީޕީން ވަކިވާން ޖެހުނީ ކޮން ސަބަބަކާއި ހުރެކަން ޝަކުވާ ކުރުމަށް ބޭނުން ނުވާކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެމްޑީޕީން ނިކުންނާން ޖެހުނީ ކޮން ސަބަބަކާއި ހުރެކަން އެކަން އެނގެން ޖެހޭ ފަރާތްތަކަށް ތަފްސީލުކޮށް އެނގޭނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ލިޔުއްވި އެ ޕޯސްޓު ނިންމަވާލައްވަމުން މަހުލޫފް ވިދާޅުވީ އަގުވަޒަންކުރުމާ، ބަލައިގަތުމާ، މަރުޙަބާ ކިޔުން އަދި މުހިންމު ކަމުގެ އިހުސާސަށްވުރެ އިތުރަށް ލިބޭ ހިތްހަމަޖެހުމެއް ނެތް ކަމަށެވެ. އަދި ފެށުމަށް ގަސްދު ކުރާ ދަތުރަކީ ކާމިޔާބު ދަތުރަކަށްވުމުގެ އުންމީދު ކުރައްވާކަމަށް މަހުލޫފް ވިދާޅުވި އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: