ޤާނޫނާއި ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
އެކަމާ ގުޅޭގޮތުން ކަސްޓަމްސްއިން ބުނީ، ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ، ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ސިއްރުން ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ކަމުގެ މަޢުލޫމާތު އެ ސަރވިސްއަށް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން މިކަން ޙައްލުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ވަނީ ފަށާފައެވެ.
މި އޮޕަރޭޝަންތަކުގައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާނެކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި، ސިއްޙީ ވުޒާރާއިން ޢާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ތަކެތި ވިއްކާކަން ނުވަތަ އެއްވެސް މުޢާމަލާތެއް ކުރާކަން އެނގިއްޖެނަމަ، ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އަށް ގުޅުއްވައި އެ މަޢުލޫމާތު ޙިއްސާކުރެއްވުމަށްވެސް އެދިފައިވެއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ މުޖުތަމަޢުގައި ހިންގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމުގައި، ޢާންމު ރައްޔިތުންނާއި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބުމަކީ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
މީގެ އިތުރުންވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު ކަންކަން މިފަހުން ޤާނޫނަށް ގެނެވުނު އިސްލާޙުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. އެގޮތުން ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.

