ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ހައްގެއް ވަނީ ނިގުޅައިގެންފައި، ދަރިވަރުންގެ ޖަމިއްޔާތަކާއި ވިޔަފާރިވެރިން އިހުތިޖާޖަށް ނިކުންނަން ޖެހޭ: އެމްޑީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުންގެ އެތައް ހައްގެއް ނިގުޅައިގެންފައި ވާތީ، ޝަކުވާއެއްކޮށް މައްސަލައެއް ހުށަހެޅުމަށް ދާނެ އެއްވެސް ތަނެއް ނެތުމުން އެންމެން އެއްބަސް ކިޔައި މަގުތަކަށް ނިކުންނަން ޖެހޭކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ ބުނެފި އެވެ.

އަންނަ މަހުގެ 3 ގައި ”ލޫޓުވާލައިފި“ ނަމުގައި އެމްޑީޕީން އެއްވުމަކަށް ނިކުންނަނަނީ މި ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަނެ، ގައުމަށް ހިޔާނާތްތެރިވަމުން ދާކަމަށް ބުނެއެވެ.

މި އެއްވުމާއި ގުޅޭގޮތުން އާންމު ކުރި ބަޔާނެއްގައި އެމްޑީޕީން ބުނީ، ޕާޓީން ސީދާ ހަރަކާތަށް ނިކުތުމަށް ނިންމީ ސަރުކާރުގެ ތެރޭގައި އިތުރުވަމުންދާ ހިޔާނާތާއި، ވައްކަމުގެ ސަބަބުން ރައްޔިތުންގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާތީ ކަމަށެވެ. އަދި ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ސަރުކާރުން ދަނީ އެ ކަންކަން ރައްޔިތުންނާއި ހަމައަށް ގެނެސްދެން އޮތް މީޑިއާ ނައްތާލުމުގެ މަސައްކަތް ފަށާފައިކަމަށް ބުންޏެވެ.

ޕާޓީން ފާހަގަކޮށްފައިވާ ގޮތުގައި ތަކެތީގެ އަގުތައް ބޮޑުވެ، ކަރަންޓުގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ދިރިއުޅުމަށް ވަނީ ދަތިވެފަ އެވެ. އަދި އާންމު ރައްޔިތުންގެ ވިޔަފާރިތަކުގެ ހާލަތު ވެސް ދަށްވެ އާމްދަނީއެއް ލިބޭނެ އެއްވެއސް ގޮތެއް ނެތް އިރު، އެތައް ބައެއްގެ ވަޒީފާ ގެއްލި އާއިލާތައް ވަނީ ބިކަވެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖެއަށް އިގްތިދާސީ ހެޔޮ ބަދަލުތައް ގެނައީ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލައި އެ ތަންފީޒުކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމާއި އެކު ފެނިގެން ދިޔައީ ދޯހަޅި ބަދަލުތައް ގެނެސް އެއްވެސް ގާބިލުކަމެއް ނެތް މީހުން މަގާމުތަކަށް އައްޔަނު ކުރަމުން ދިޔަ މަންޒަރުކަމަށް އެމްޑީޕީން ބުންޏެވެ.

އެންމެ ބޮޑު ކަންބޮޑުމެއްގެ ގޮތުގައި އެމްޑީޕީން ބުނެފައި ވަނީ މަރުކަޒީ ބޭންކާއި، އެހެނިހެން ބޭންކުތަކަށް ޒިންމާދާރުކަން ކުޑަކޮށް ގެންނަ ކުއްލި ބަދަލުތަކެވެ. މީގެ ސަބަބުން މާލީ އިދާރާތަކާއި ބޭރު ދުނިޔޭގެ އިތުބާރު ރާއްޖޭގެ މާލީ ނިޒާމަށް ގެއްލިފައިވާކަމަށް ބުންޏެވެ. އަދި ބުނެފައި ވަނީ ރާއްޖޭގެ އިގުތިސާދު މިއިން ޒަމާނަކު ނުވާވަރަށް ދަށްވެފައިވާއިރު ރާއްޖޭގެ އިގްތިސާދު އޮތީ ކިހާ ހިސާބެއްގައިކަން ސަރުކާރަށް ވެސް ވަޒަންކޮށް ނުލެވޭ ކަމަށެވެ.

މީގެއިތުރުން ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ނާގާބިލުކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ އިގްތިސާދު އެކީއެކަށް ފުނޑި، ބޭރުގެ ދަރަނި ނުދެއްކޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ދިވެހި ދައުލަތް އޮތީ ރައްޔިތުންގެ އަސާސީ ކަންކަންވެސް ހަމަނުޖެއްސޭ ހިސާބަށް ދިއުމުގެ މަގުމަތީގައިކަމަށް ބަޔާނުގައި ވެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

އަމިއްލަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންގެ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުން މުޅިން ހުއްޓައިލާކަމުގެ ތުހުމަތުކޮށް ބަޔާނުގައި ބުނެފައި ވަނީ، ޓެކްސް ނުދެއްކޭ މީހާގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށް ލެވޭ ގޮތަށް ބިލެއް ފާސް ކުރުމަށް ސަރުކާރުން ތައްޔާރުވެފައި ވާތީ އެކަމަށް ކަންބޮޑުވާކަމަށެވެ.

އެމްޑީޕީން ބުނީ ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް އެކީއެކަށް ހުއްޓައިލައި، އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުނުކޮށް އެތައް ދުވަހެއް ލަސްކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ހިއްކައި، ތަރައްގީ ކުރަން ފެށި ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރިވަމުންދާކަމުގެ ތުހުމަތު ކުރި އެވެ.

އާސަންދައިގެ ނިޒާމާއި ގުޅޭގޮތުން އެމްޑީޕީން ބުނީ، ސަރުކާރުން މުޅި މި ނިޒާމު އެއްކޮށް ހަރާބުކޮށްލާފައިވާ ކަމަށާއި، އެންސްޕާ މެދުވެރިކޮށްވެސް ސިޔާސީ ކަންކަމަށް ހަރަދު ކުރުމުގެ ސަބަބުން، ކޮންމެހެން ލިބެންޖެހޭ އާއްމު ބޭހާއި ފަރުވާ ނުލިބި، ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރުކޮށްފައިވާ ކަމަށެވެ. އަދި ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށް ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ރައްޔިތުންގެ މަޖިލިސް މެންބަރުން ކަސްތޮޅު އަޅުވައިފައި ވާތީ، އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭއިންސާފުން މަގާމުން ވަކިކޮށް އަދުލު އިންސާފުގެ މިނިވަންކަން ނަގައިލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ ސަރުކާރުން ހުރިހާ މުވައްސަސާއެއް ކޮންޓްރޯލަށް ގެނެސްފައި ވާތީ، ހައްގު ހޯދުމަށް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް ރައްޔިތުން ދާނެ ތަނެއް ނެތް ކަމަށެވެ.

އެހެންކަމުން، މި ހާލަތުގައި މި ހުރިހާ މައްސަލައެއް ވެސް ހައްލުކޮށް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ހަމައެކަނި ގޮތަކީ އިހުތިޖާޖުކުރުން ކަމަށްވެސް ބުންޏެވެ. އެމްޑީޕީން އެދިފައި ވަނީ އެ ޕާޓީން އަންނަ މަހު ބައްވާ އެއްވުމުގައި، ސިޔާސީ ޕާޓީތަކާއި، މަދަނީ އަދި ސިޔާސީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، ދަރިވަރުންގެ ޖަމިއްޔާތަކާއި، އަދި ވިޔަފާރިވެރިންނަށް މި ހަރަކާތުގައި ބައިވެރިވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: