ކާކުކަން ނޭނގޭގޮތަށް ”ހަސަން ކުރުސީ“ ގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ލަންކާގެ ނޫހަކުން ކޮށްފައިވާ ތުހުމަތު އެމަނިކުފާނު ދޮގުކުރައްވައިފިއެވެ. .
ލަންކާ އީ ނިއުސްގައި ނަޝީދަށް އަމާޒުކޮށް ޝާއިޢުކޮށްފައިވާ ވާހަކައަށް ރައްދުދެއްވަމުން، އެމަނިކުފާނު ވިދާޅުވެފައިވަނީ ކުރުސީގެ އެކައުންޓު ހިންގަނީ އެމަނިކުފާނު ނޫން ކަމަށެވެ. އަދި ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކުރުމާ ގުޅިގެން، ރައީސް ޑިސަނަޔަކައާ ދެކޮޅަށް ކޮށްފައިވާ ޓްވީޓުތަކާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
”ލަންކާއަކީ އަބަދުވެސް ގާތް އެކުވެރިއެއް. އަޅުގަނޑާއި ލަންކާއާ ދެމެދު ދެކޮޅުވެރިކަމެއް އޮތްކަން ދައްކަން މަސައްކަތްކުރާތީ ހިތާމަކުރަން،“ ނަޝީދު ވިދާޅުވިއެވެ.
ލަންކާ އީ ނިއުސްގެ ރިޕޯޓުގައި ބުނެފައިވަނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު ކުރީގެ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހައްޔަރުކުރުމާ ގުޅިގެން ކުރުސީ އެކައުންޓުން ކުރި ޕޯސްޓެއްގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރިއަށްދާ ކަމަށެވެ. އެ ޕޯސްޓުގައި ވިކްރަމަސިންހަ ހައްޔަރުކުރީ ރައީސް ޑިސަނަޔަކަ އެކަމުގެ ފަހަތުގައި ހުންނަވައިގެން ކަމަށް ބުނެ، އޭނާއަކީ ކޮރަޕްޓް ބޭފުޅެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގުގައި ކުރުސީ އެކައުންޓާ ގުޅުންހުރި އައިޕީ އެޑްރެސްތަކާއި، ވައިފައި ނެޓްވޯކްތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ޓްރޭސްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި މި އެކައުންޓު ހިންގަނީ ރާއްޖޭގައި މީގެ ކުރިން ރައީސްކަމާއި މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ، ބޮމުގެ ހަމަލާއަކުން ސަލާމަތްވެފައިވާ ބޭފުޅެއް ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކުރެވޭ ކަމަށްވެސް އެ ނޫހުން ވަނީ ފާހަގަކޮށްފައެވެ.

