މާލީ ބަޔާން ހުށަނާޅާތީ ނޯޓިސް ފޮނުވި މެންބަރުންގެ މާލީ ބަޔާންތައް ހުށައަޅައިފިއެވެ.
މާލީ ބަޔާންތައް ހުށައަޅަންޖޭ އެންމެ ފަހުންގެ ތާރީހަކީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހެވެ. މުއްދަތު ހަމަވީއިރު، މާލީ ބަޔާން ހުށަނާޅާ އޮތީ 5 މެންބަރުންނެވެ.
މީގެ ތެރޭގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިންގެ އިތުރުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިމެނެއެވެ.
ގަވާއިދުގައި އޮންނަ ގޮތަށް މަޖިލީހުގެ އިދާރާއިން ވަނީ މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް، ބަޔާން ހުށައެޅުމަށް އަންގާ، 15 ދުވަހުގެ ނޯޓިސްއެއް ދީފައެވެ. ނޯޓިސް ދިނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
އެ ފަސް މެންބަރުންގެ މާލީ ބަޔާންތައްވެސް މިހާރު މަޖިލީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މާލީ ބަޔާން ރިޕޯޓުތައް ދައްކާ ގޮތުން، ހުރިހާ މެމްބަރުން ވެސް ތަފްސީލުތައް ހިމަނާފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ވަކި ފޯމެޓެއްގަ އެވެ. އެ ފޯމެޓުގައި ވަނީ، އާމްދަނީއާއި ހަދިޔާ އަދި އެހީއާއި މުދަލަށް ވަކި ހާއްސަ ބައެކެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި ލިބިފައިވާ ފައިސާއާއި، އަމިއްލަ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ހުރި ބެލެންސްތައް ވަކިވަކީން ތަފްސީލު ކުރުން އަދި އަދާނުކޮށް ހުރި ދަރަންޏާއި، ލޯނަށް ވަކި ބައެކެވެ.
އޭގެ އިތުރަށް މެމްބަރުގެ ނަމުގައި ބޭނުން ކުރަމުންދާ ކްރެޑިޓު ކާޑާއި، ޕާޓްނާޝިޕާއި ކުންފުނީގެ ހިއްސާ އަދި ހަރު މުދާ ވިއްކައިގެން ލިބުނު ފައިސާވެސް ތަފްސީލު ހިމެނެއެވެ. ބައެއް މެމްބަރުންގެ މާލީ ބަޔާންތައް ދައްކާ ގޮތުން، އެ މެމްބަރުންނަށް މަޖިލީހުގެ މުސާރަ ނޫނީ އިތުރު އެއްވެސް އާމްދަނީއެއް ނުލިބެއެވެ. އަދި ބައެއް މެމްބަރުންގެ ބީއެމްއެލްއާއި، އެމްއައިބީގައި ހުރީ މަދު ފައިސާއެކެވެ.
މެމްބަރުންނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ފައިސާއާއި، މުދަލުގެ ތަފްސީލުތައް މާލީ ބަޔާނުގައި ސަބަބާއި އެކު ބަޔާންކޮށްފައި ހުރި ނަމަވެސް އެއީ ކޮން ބައެއް ނުވަތަ ބޭފުޅެއްގެ ފަރާތުން ލިބުނު އެއްޗެއްކަން ހާމަކޮށްފައި ނުވެއެވެ.

