ކުރީގެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ދައުލަތުގެ މާލީ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، މަޖިލީހުގައި ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރުންނަށް ވެސް އިނާޔަތްތައް ލިބެ އެވެ. އަދި ކުރީގެ ރައީސުންނަށް ވެސް އެކި އިނާޔަތްތައް ކޮންމެ މަހަކު ވެސް ލިބެއެވެ.
މި އިނާޔަތްތައް ކަނޑާލައި، ހަރަދުތައް ކުޑަ ކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ފަށައި ކުރިޔަށް ދަނިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށްޓަކައި، އެކަމާ ގުޅުންހުރި ގާނޫނުތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރ ވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، އެ ވަޒީފާގައި ހުންނަ މުއްދަތުގައި ޕެންޝަން އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

