މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ”ހުނަވަރު“ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއޭސީއެލްގެ ”ހުނަވަރު“ ޕްރޮގްރާމުގެ މަގުސަދަކީ ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ, އަހުލުވެރި ދިވެހި ޒުވާނުން ބިނާކުރުމެވެ.
ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށެވެ.
އެމްއޭސީއެލް ބުނި ގޮތުގައި ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސަސް, ކާގޯ ސާވިސަސް, ރޭމްޕް ސާވިސަސް, މެކޭނިކަލް ސާވިސަސް, ފިއުލް ސާވިސަސް, އެރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.
ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމުން ހޮވާލެވޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެކަމަށް އެމްއޭސީއެލްގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް: https://www.jotform.com/form/243632274141450#preview

