ސަރުކާރުގެ އަމާޒަކީ އޮކްޓޯބަރު 15 އާއި ހިސާބަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާންކުރެއްވި 23 ބާވަތް އެސްޓީއޯއިން ލިބެން ހުރުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުން ނިންމި ނިންމުމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސައީދު ވިދާޅުވީ މި ސަރުކާރަށް ކުރިމަތިލާން ޖެހުނީ އިގްތިސާދީ ވަރަށް ދަތި ހާލަތަކާއިކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެހެންކަމުން މިހެން އޮތް އިގްތިސާދެއްގައި ތަކެތީގެ އަގު މައްޗަށް ދިއުންފަދަ މައްސަލަތައް ކުރިމަތިވާނެތީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ދުރު ވިސްނަވާ މުހިންމު ކަންތައްތަކެއް ކުރެއްވުމަށް ނިންމަވާފައިކަމަށެވެ. މިހާރު އަަޅާފައި މިވާ ފިޔަވަޅަކީ މިގޮތުގެ މަތިން އެޅުއްވި ފިޔަވަޅެއްކަމަށް ފާހަގަކުރެއްވިއެވެ.
މި މަސައްކަތްކުރުމަށްޓަކައި، އެސްޓީއޯއިން ގަނޑުކޮށް ވިއްކާނެ ތަކެތި ކަނޑައަޅާނީ، އަހަރު އަހަރަށް ރިވިއުކުރާ ލިސްޓެއްގެ ތެރެއިންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މި ލިސްޓު ހެދުމުގައި ބަލާނީ ނިމިދާ އަހަރު ކޮންސިއުމްކުރަން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައި ހުރީ ކޮން ބާވަތެއްގެ ތަކެތިތޯކަމަށެވެ.
ދެން ހަމަ ހައުސްހޯލްޑް އިންކަމްއަށްވެސް ބަލާފަ، މި ދެމިގަނޑަށްވެސް ބަލާފަ އަޅުގަނޑުމެން އެކަން ކުރަން ގަސްތުކުރަނީ. އަދި ހަމަ ދަންނަވާލަން ބޭނުން މީގެ ކުރިން އޮތީ ކޮންސިއުމާ ޕްރައިސް އިންޑެކްސްއަށް ބަލައިގެން ވަރަށް ބޮޑަށް އިންފްލޭޝަން ކަލްކިއުލޭޓު ކުރަމުން ދިޔައީ، އޭގަ ވަރަށް ބޮޑަށް ނިކްލެކްޓް ކޮށްލެވިފައި ނުވަތަ، އަޅާ ނުލެވި އޮތީ އަސްލު އަސާސީ ގޭތެރޭގައި ބޭނުންކުރާ، އާންމު އާއިލާއަކުން ބޭނުންކުރާނެ ކާބޯތަކެތީގެ ބައި ތަންކޮޅެއް ބޮޑަށް އެހެން ބާވަތްތަކެއްގެ ތެރެއަށް ވަދެ ސިރިއްޔާތުގައި އެ އައިޓަމްތައް ހުރިކަމަށްވަނީ.
ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މީގެ ކުރީގައި އާންމުކޮށް ގޭތެރޭގައި ބޭނުންކުރާ ކާބޯތަކެތީގެ ބަޔަށް އޮތީ ވަރަށް ބޮޑަށް އަޅާ ނުލެވިކަމަށެވެ. އަދި އިންފްލޭޝަން ކަލްކިއުލޭޓު ކުރަމުން ދިޔައީ ކޮންސިއުމާ ޕްރައިސް އިންޑެކްސްއަށް ބަލައިގެންކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލު ގެނައުމަށްޓަކައި އެސެންޝަލް ކޮންސިއުމާ ޕްރައިސް އިންޑެކްސްއެއް ފުރަތަމަ ފަހަރަށްވެސް އެކުލަވާލީ މި ސަރުކާރުންކަމަށް ސައީދު ވިދާޅުވިއެވެ.
އޮކްޓޯބަރު 15 ވަނަ ދުވަހު މި ތަކެތީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ގެނެވޭނެކަމަށާއި، އެއާއިއެކު ވަގުތުން ނަތީޖާ ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހެޔޮ އަގުގައި ސަރުކާރުން ރައްޔިތުންނަށް ތަކެތި ފޯރުކޮށްދޭނެކަމަށާއި، އަގުތައް އަރައިގެންދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެސްޓީއޯއިން ގަންނަ ތަކެތީގެ ފެންވަރުވެސް ރަނގަޅުވާނެކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. އަދި މި ލިސްޓަށް ތަކެތި އިތުރުވެގެންދާނެކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރަށް ހިދުމަތްތައް ފުޅާވެގެންދާނެކަމަށްވެސް ފާހަގަކުރިއެވެ. އަތޮޅު ތެރޭގެ ރަށްތަކަށް މި ތަކެތި އެއް ފެންވަރެއްގައި ފޮނުވުމުގެ މަސައްކަތްވެސް ކުރުމަށްޓަކައި ނިޒާމު ރޭވިފައި އޮތްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

