ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ތަޅުދަނޑިއާއި ހަވާލުވުމަށް ޝެޑިއުލްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފިއެވެ.
އެފްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް 3،000 އެއްހާ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އިތުރު 3،070 ބައްދަލުވުން ތާވަލުކޮށްފައިވެއެވެ. މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކަނޑައަޅާފައިވާ ޚާއްޞަ ސަރަޙައްދުތަކުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
އެފްޑީސީން ފާހަގަކޮށްފައިވާ ގޮތުގައި، ޔުނިޓުތައް ހަވާލުކުރާނީ ފިނިޝިންގ މަސައްކަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް، ކުލަ އަދި ފާޚާނާގެ ތަކެތި ހަރުކޮށްފައި ހުންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފްލެޓުތަކުގެ މަސައްކަތުން މިހާރު ކުރިއަށްދާ ބައިތަކުގެ ތެރޭގައި ބިލްޑިންގ ސައިނޭޖް، ސީސީޓީވީ ނެޓްވޯކް، ކުނި އުކާލުމުގެ ނިޒާމް، ބޫމް ގޭޓް، ލޭންޑްސްކޭޕިންގ، އަދި އެހެނިހެން މުހިންމު ވަސީލަތްތައް ހިމެނެއެވެ. މީގެއިތުރުން ފެނާއި ކަރަންޓުގެ ޚިދުމަތާއި އިންޓަނެޓް ގުޅުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.
ޔުނިޓު ލިބޭ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމަށް އަންނަންޖެހޭ ދުވަހާއި ގަޑި ”ފަހި ޕޯޓަލް“ މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެފްޑީސީން ބުނެފައިވެއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް އަންނައިރު، އައިޑީކާޑުގެ ކޮޕީތަކާއި، ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީ އަދި ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު ގެންނަންޖެހޭނެއެވެ.
އަދި ކުއްޔަށް ހިފާ ފަރާތަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުނުވެވޭނަމަ، ޕަވަރ އޮފް އެޓާނީ ހުށަހަޅަންޖެހޭނެކަމަށްވެސް އެފްޑީސީން ވަނީ އަންގާފައެވެ.

