ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާތަނަށް 588 ފަރާތަކުން ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ޑިޕޮސިޓް ދެއްކުމަށް 909 ފަރާތަކަށް ތާވަލުކޮށްފައިވާއިރު، އޭގެ ތެރެއިން 588 ފަރާތަކުން ވަނީ ޑިޕޮސިޓް ދައްކާފައެވެ. އަދި މިހާތަނަށް 2،955 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އިތުރު 3،070 ބައްދަލުވުން ތާވަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން އަޅަމުންދާ ފްލެޓުތަކުގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 7،000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެއެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 9،500 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.
އެފްޑީސީން ބުނާ ގޮތުގައި، މި ފްލެޓުތައް ރައްޔިތުންނާ ހަވާލުކުރެވޭނީ ފިނިޝިންގ މަސައްކަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. ފްލެޓުތައް ހަވާލުކުރެވޭއިރު ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް، ކުލަ އަދި ފާޚާނާގެ ތަކެތި ހަރުކޮށްފައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

