ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯޝަލް މީޑިއާ ރެގިއުލޭޓުވުމަކީ އަމިއްލަ ވިސްނުމެއް، އެފަދަ ވާހަކައެއް ބިލުގައި ނޯންނާނެ: ނާޒިމް

ޕީއެންސީގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް/ ފޮޓޯޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގައި ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުން ނުވަތަ ބޭން ކުރުމުގެ އެއްވެސް ވާހަކައެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މި ބިލާއި އެކު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަޑުތައް ގަދަވުން ހިމެނެ އެވެ. އަދި އޭގެ ތެރޭގައި ސޯޝަލް އެކި ޕްލެޓްފޯމުތަކުގައި އާންމު ކުރާ ހިޔާލަށް ހުރަސް އެޅޭނެކަމަށް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ނާޒިމް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ދިވެހިންނަކީ ތައުލީމީ، ގާބިލް އަދި ތަންދޮރު ދަންނަ ބައެއް ކަމަށެވެ. މި ޒަމާނުގައި ސްމާޓް ފޯނެއް ނެތް މީހަކު މަދުވާނެ ކަމަށާއި، ރައްޔިތުންނަށް ހުރިހާ ހަބަރާއި އެންމެ ފަހުގެ މައުލޫމާތެއް ވެސް ލިބެމުންދާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ އަމިއްލަ ހިޔާލަކީ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ޖެހޭ ކަމަށެވެ. އޭގެ ސަބަބަކީ އެއްވެސް ހައްދެއް ހުދޫދެއް ނެތި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ދަރިން ވިއްކަން ޖަހައި، ދެމަފިރިން ދޭތެރޭގައި ހުންނަ މައްސަލަތައް ހާމަކޮށް، ދިވެހި މުޖުތަމައުގެ އިޖުތިމާއީ ފޭރާން ކުދިކުދިވެގެންދާ ހިސާބަށް މިކަން ގޮސްފައިވާތީކަމަށް ޏާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމާއި ގުޅޭގޮތުން އަމިއްލަ ހިޔާލުގެ މައްޗަށް ވާހަކަ ދެއްކެވީ މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގަ އެވެ. ނާޒިމް އެ އިޝަރާތް ކުރެއްވި ”ސަން“ އަށް ދެެއްވި އިންޓަވިއުގެ ބައިތަކެއް ދަނީ މީޑިއާގައި ދައުރުވަމުންނެވެ.

އަޅުގަނޑުމެން ނުދައްކަން ސޯޝަލް މީޑިއާ ބޭންކުރާ ވާހަކައެއް.. އަޅުގަނޑުމެން ނުދައްކަން ސޯޝަލް މީޑިއާ ރެގިއުލޭޓްކުރާ ވާހަކަ ވެސް.. މި ބިލުގެ މައުލޫމާތަށް ރިސާރޗްތަކާ އެއްޗެހި ހަދަމުން ދިޔައިރުގައި އަމިއްލަ ވިސްނުމަށް އަޅުގަނޑު ދީފައި އިންޓަވިއުއެއް އޮންނާނެ، އަޅުގަނޑު ދެންނެވިން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރެގިއުލޭޓް ކުރަން ޖެހޭނޭ.. އެއްވެސް ހައްދެއް ހުދޫދެއްނެތި ޓިކްޓޮކާ އޭތި މީތީގައި ދަރިން ވިއްކަން ޖަހައި ދެމަފިރިން ދޭތެރޭގައި ހުންނަ މައްސަލަތަކާށާއި އެއްޗެހި ޓިކްޓޮކް ހަދައި.. މިހެން ގޮސް އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދާލެވޭ ހިސާބަށް ގޮސް ކުދި ކުޑަކޮށްލެވޭ ހިސާބަށް ގޮސްފައި މި އޮތީ.. އެހެންވީމާ އަޅުގަނޑު ޕާސަނަލީ މިއަދު ވެސް ގަބޫލުކުރަން.. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ކޮންމެ ކަމަކީ މަޖިލީހުގެ ތަޅުމުން ފާސްވާނެ ކަންކަމެއް ނޫން.. އަދި އަޅުގަނޑު ޕާސަނަލީ ކަން ގަބޫލު ކުރިކަމުގައި ވިޔަސް އެ ކަންކަމަކީ ކޮމިޓީން ބަލައިގަންނާނެ ކަންކަމެއް ވެސް ނޫން

ނާޒިމް ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ރެގިއުލޭޝަންތަކެއް މުހިންމުކަމަށް އަމިއްލަ ގޮތުން ގަބޫލު ކުރި ނަމަވެސް، އެއީ މަޖިލީހުގެ ތަޅުމުން ފާސްވާނެ ކަންކަމެއް ނޫން ކަމަށާއި، ކޮމިޓީން ބަލައިގަންނަ ކަންތައްތަކެއް ވެސް ނޫން ކަމަށެވެ.

މީޑިއާ ބިލުގައި ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުން ނުވަތަ ބޭން ކުރުމުގެ ވާހަކައެއް ވެސް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭގޮތުން މީޑިއާތަކުން ދައްކަމުންދާ ވާހަކަތަކަކީ ބިލުގައި ވިއްކޭނެ އެއްޗެއް ނެތުމުން ދައްކާ ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގެ ކޮންޓެކްސްޓަށް އެކަނި ބެލުމުގެ ބަދަލުގައި ދުނިޔޭގައި މިފަދަ ކަންކަން ހިނގަމުންދާ ގޮތަށް ބެލުން މުހިންމު ކަމަށެވެ. އެގޮތުން، އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުގެ ދަށުގެ ކުދިންނަށް އިންޓަނެޓް މަނާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މިކަން އެ ގައުމުގައި ތަސްދީގު ކުރީ ނާޒިމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ގައެވެ. ނާޒިމް ވިދާޅުވީ މިކަމަށްޓަކައި އީ- ސޭފްޓީ ކޮމިޝަނެއް ވެސް އެ ގައުމުގައި ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުން ވެސް މިފަދަ ފިޔަވަޅެއް މިހާރު ވަނީ އަޅާފައިވާއިރު މި އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެ ގައުމުގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އޭޖް ވެރިފިކޭޝަން ޕްރޮސެސްއެއް ތައާރަފްކޮށްފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: